ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހިނގާ އަހަރާއި ކުރިއަށްހުރި އަހަރުތަކަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ވިދާޅުވެއްޖެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ އިންވެސްޓްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން ވަނީ މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ފަންނުވެރިންނާ ވީހާވެސް ގާތުން ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކްރިއޭޓަރ ހަބް ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑިރެކްޓަރ އިންވެސްޓްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް މުހައްމަދު އީމާން ވިދާޅުވީ މިހާރުވެސް އެސްއެމްއީތަކަށް ޚިދުމަތްދޭ ތަންތަން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އީމާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކްރިއޭޓަރ ހަބްގެ މަސައްކަތް. ހަމައެކަނި މާލޭގަ އަޅުގަނޑުމެން ގާއިމްކުރާ ކްރިއޭޓަރ ހަބް އެކަންޏެއްނޫން. އަތޮޅުތެރޭގެ އެކި ރަށްރަށުގަ ހަމައެފަދަ ޚިދުމަތްދޭ ތަންތަން ގާއިމްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންއެބަދޭ. އެ މަސައްކަތްތަކަކީ އަސްލު ހަގީގަތުގަ ކްރިއޭޓިވް އެކޮނޮމީއެއް ތަރައްގީކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ ވަރަށް މުހިންމު މަސައްކަތެއް" އީމާން ވިދާޅުވިއެވެ.
އިމާން ވިދާޅުވީ، މީގެ ސަބަބުން ބީސީސީން ކުރަމުންދާ މަސައްކަތުގެ ސަބަބުން ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މަސައްކަތު ޖާގަތަކާއި އެބޭފުޅުން ބޭނުންވާ އެކި ސާމާނުތައް ލިބިގެންދާނެކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ދަތިކަމެއްނެތި މަސައްކަތްކުރެވޭނެ އިންތިޒާމްވެސް އެ ތަންތަނުން ހަމަޖެހިގެންދާނެކަމަށް އީމާން ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމުގައި މިހާރުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ދިވެހި އުފެއްދުންތެރިން އުޅުއްވާކަން ފާހަގަކުރައްވާ އީމާން ވިދާޅުވީ، އެބޭފުޅުންނަކީ ދިވެހި އިޤްތިސާދުގަ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ބައެއްކަމަށެވެ.
ރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބީސީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންދިއުމާއި، ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް ބީސީސީން އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ނުވަތަ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަކީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މުހިއްމު ނިންމެވުމެކެވެ.