ޚަބަރު

39 މީޑިއާއަކަށް ފައިސާ ދިނުމުގެ މަސައްކަތް ދަނީ ކުރިއަށް


  • 1 ކުންފުންޏަކުން ހިންގާ 2 މީޑިއާ ހިމެނޭކަން ފާހަގަކުރެވުނު

  • އެ 2 މީޑިއާއަށް ފައިސާ ދޫކުރުން ވަނީ މަޑުޖައްސާލާފައި

39 މީޑިއާއަށް ފައިސާ ދިނުމުގެ މަސައްކަތް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާއި ގުޅިގެން ކުރަމުން އަންނަކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަމިއްލަ މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ 41 މީޑިއާގެ ތެރޭގައި، އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާ ހިމެނޭތީ އެ ދެ މީޑިއާއަށް ފައިސާ ދިނުން ވަނީ މިވަގުތަށް މަޑުޖައްސާލާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަމިއްލަ މީޑިއާތަކަށް 2025ވަނަ އަހަރުދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވި 41 މީޑިއާއެއްގެ މަޢުލޫމާތާއި ފައިސާލިބޭ އަދަދު ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއަށް މިދިޔަމަހުގެ 30ވަނަ ދުވަހު ފޮނުވާފައިވާކަމަށެވެ.

ނަމަވެސް، ޝަރުތުހަމަވާ 41 މީޑިއާގެތެރޭގައި އެއް ކުންފުންޏަކުން ހިންގާ 2 މީޑިއާ ހިމެނޭކަން ފާހަގަކުރެވިފައިވާތީ، އެ މީޑިއާއާއި ބައްދަލުކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި މައްސަލަ ހައްލުކުރެވެންދެން އެ ޕޭމެންޓް ހޯލްޑުކޮށްފައި ބެހެއްޓުމަށް އެ ވުޒާރާއަށް އަންގާފައިވާކަމަށްވެސް އއެ ކޮމިޝަނުން ވިދާޅުވިއެވެ.

މީގެއިތުރުން އެ ކޮމިޝަނުން ވިދާޅުވީ، މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ ބާކީ 39 މީޑިއާއަށް ލިބޭ ފައިސާ ދިނުމުގެ މަސައްކަތް ޒުވާނުން ބާރުވެރިކުރުވުމާ މަޢުލޫމާތާ ފަންނާބބެހޭ ވުޒާރާއާއު ގުޅިގެން ކުރިއަށްދާކަމަށެވެ.

އަދި މިހާރު މީޑިއާތަކަށް ދައުލަތުންދޭ އެހީތެރިކަން ލިބޭނީ 40 މީޑިއާއަކަށްކަން ފާހަގަކުރައްވާ އެ ކޮމިޝަނުން ވިދާޅުވީ، އެހީއަށް ހުށަހެޅި މީޑިއާ އެޕްގެ ތެރެއިން ގެނެވުނު ބަދަލުތައް ފެންނާނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުންދޭ މާލީ އެހީތެރިކަމަށް ހުށަހަޅާފައިވާ މީޑިއާތަކަށް މާކްސް ދޭ މިންގަނޑަށް ބަލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެމްއެމްބީސީން ވިދާޅުވިއެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިޔަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވެއެވެ.

މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ، ޒުވާނުން ބާރުވެރި ކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި، އެ ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ފަދައިން އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު އެ ވުޒާރާއިން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެންނެވެ.

މިއަހަރު މާލީ އެހީ ލިބޭ، ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި ލިބިގެންދާނެއެވެ. މިއީ، ދަޢުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރެވެ.