މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް މަގާމުން ވަކިކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރުމަށްފަހު އެ ކްލަބުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ކްލަބުން މިހާރު ހޯދަމުންދާ ނަތީޖާތަކަށް ބަލާފައި ކްލަބްގެ ބޯޑުން ނިންމި ނިންމުމެއް ކަމަށާއި މިއީ މެންޗެސްޓަރ ޔުނައިޓެޑްއަށް މިސީޒަންގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި ކްލަބުން އެޅި ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ބުނެފައިވަނީ މި ނިންމުމަކީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ކްލަބަށް އެންމެ ރަނގަޅު ހިސާބަކަށް އެރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ 6 ވަނާގައެވެ. އެއީ ލީގުގެ އެއްވަނާގައި އޮތް އާސެނަލްއަށްވުރެ 17 ޕޮއިންޓް ފަހަތުންނެވެ. މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެލިގޭޝަންއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ލީޑްސް ޔުނައިޓެޑް އަތުންވެސް ވަނީ މޮޅުނުވެވިފައެވެ. އަދި އެންމެ ފަހުން އެޓީމު ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
އަމޯރިމް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކި ވާހަކަ ތަކުގައި ބުނެފައިވަނީ އޭނާ އަކީ ހަމަ އެކަނި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ނޫންކަމަށާއި ކްލަބްގެ ގިނަ ކަންކަމުގައި އޭނާގެ ބަސްވިކޭނެކަމަށާއި އޭނާ މަގާމާ ހަވާލުވީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ކަމަށެވެ.
ރުބިން އަމޯރިމް އަކީ މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން މިގާމުން އިސްތިއުފާ ދިން ފަހުން އެކްލަބަށް ގެނައި 10 ވަނަ ކޯޗެވެ. އަދި 10 ކޯޗުންވެސް މިވަނީ ނަތީޖާތައް އެންމެ އެދެވޭގޮތަށް ނުނެރުމުން މަގާމުން ވަކިކޮށްފައެވެ.