ޚަބަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026: ފުރަތަމަ ދުވަހު 12 މެޗެއް ކުޅެވުނު


ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މެޗުތައް ފެށިގެންދިޔައިރު މުބާރާތުގެ ފުރަތަމަ ދުވަހު 12 މެޗެއް ވަނީ ކުޅެވިފައެވެ. ޖުމްލަ 119 ޓީމް ވާދަކުރާ މިމުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފެށިގެންދިޔައީ ވަރަށްވެސް ފޯރިއާއެކުއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ ފަހު މެޗު ކަމުގައިވާ ފައިނަލްގައިވެސް ވާދަކުރި ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުން، ނައިވާދޫން އާއި ފިނޭއެވެ. މިމެޗު ނައިވާދޫ ކާމިޔާބުކުރީ 4-0 އިންނެވެ. ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދާ ރަނގަޅަށް މުބާރާތް ފެށިނަމަވެސް ނައިވާދޫއަށް މިފަހަރުގެ މުބާރާތާ ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެއެވެ.

އެއީ އެޓީމުގެ މުހިއްމު ފަސް ކުޅުންތެރިއަކަށް މުބާރާތުގެ ކުރީކޮޅު ވާދަނުކުރެވޭތީއެވެ. މިދިޔަ އަހަރު ފައިނަލަށް ޓީމު ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި 3 ކުޅުންތެރިން ކުރިއަށް އޮތް ފުޓްސަލް ސާފްޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ފުޓްސަލް ޓީމުން ޖާގަ ލިބުމުން މި ކުޅުންތެރިންނަށް މުބާރާތުގެ އަތޮޅު ބުރު ގެއްލޭނެއެވެ. މީގެ އިތުރުން އިތުރު ދެ ކުޅުންތެރިން ހުރީ އަނިޔާގައެވެ.

ހދ. އަތޮޅުގެ ގްރޫޕް ބީގައި ކުޅުނު ދެވަނަ މެޗުގައި ވައިކަރަދޫ ބައްދަލުކޮށް ނެއްލައިދޫ މޮޅުވީ 3-0 އިންނެވެ.

ހދ. އަތޮޅު ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗު މަކުނުދޫ އާއި ބައްދަލުކޮށް ހަނިމާދޫ ކާމިޔާބުކުރީ 5-0 އިންނެވެ.

ހދ. އަތޮޅު ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗު ނޮޅިވަރަމް އާއި ބައްދަލުކޮށް ނޮޅިވަރަންފަރު މޮޅުވީ 4-1 އިންނެވެ.

ހއ. އަތޮޅުގެ މެޗުތައް ފެށިގެންދިޔައީ މި އަތޮޅުގެ އެންމެ ވާދަވެރި ދެޓީމުކަމުގައިވާ އުތީމާއި ދިއްދޫގެ ކުރިމަތިލުމަކުންނެވެ. ހއ. އަތޮޅުގެ ގްރޫޕް ބީގެ މިމެޗު، އެންމެ ފަހު މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ގޯލްތަކާއެކު 3-1 ކާމިޔާބުކުރީ ދިއްދޫއިން ނެވެ.

މި ގްރޫޕްގައި ކުޅެވުނު ދެވަނަ މެޗުގައި ވަރުގަދަ ވަށަފަރުގެ މައްޗަށް ފަހަތުން އަރާ މާރަންދޫއިން ވަނީ ކުރި ހޯދާފައެވެ. މިމެޗު މާރަންދޫ ކާމިޔާބުކުރީ 2-1 އިންނެވެ.

ހއ. އަތޮޅުގެ ގްރޫޕް އޭގައި ކުޅެވުނު ފުރަތަމަ މެޗުގައި ކެލާ ވަނީ ތަފާތުބޮޑުކޮށް ތުރާކުނު ބަލިކޮށްފައެވެ. މިމެޗު ކެލާ ކާމިޔާބުކުރީ 6-0 އިންނެވެ.

މިގްރޫޕްގެ ދެވަނަ މެޗުގައި ފިއްލަދޫއިން ވަނީ ބާރަށް 4-1 އިން ބަލިކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ދުވަހު ވަނީ ގދ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެއްވެސް ކުޅެވިފައެވެ. މިގޮތުން ގދ. އަތޮޅުގެ ގްރޫޕް އޭގައި ގައްދޫ އާއި މަޑަވެލި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ މަޑަވެއްޔެވެ. ގްރޫޕް ބީގައި ފިޔޯރީ އާއި ރަތަފަންދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އަކުން ދެޓީމް އެއްވަރުވެގެންނެވެ.

ފުރަތަމަ ދުވަހުގެ ކުޅުން އުތުރުން ފެށުނުއިރު ނިމިގެންދިޔައީ އެންމެ ދެކުނުންނެވެ. މިގޮތުން އައްޑޫ އަތޮޅުގެ ގްރޫޕް އޭގައި މަރަދޫ ވަނީ މަރަދޫފޭދޫގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗު މަރަދޫ ކާމިޔާބުކުރީ 4-0 އިންނެވެ. މިއަތޮޅުގެ ގްރޫޕް ބީގައި ހުޅުދޫ އާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

މުބާރާތުގެ މެޗުތައް އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.