ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކަމާގުޅޭ އިދާރާތަކުން ހިންގަމުން ގެންދަވާ އޮޕަރޭޝަންގެ ތެރެއިން 2 ބިދޭސީއަކު އިއްޔެ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ތަންތަން ދެނެގަތުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ބިދޭސީން ޤަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން އާދިއްތަ ދުވަހުވެސް އެކި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މިއޮޕަރޭޝަންގެ ދަށުން 7 ތަނެއް ބަލައި ފަސްކުރި ކަމަށެވެ. މިތަންތަން ބަލާ ފާސްކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ފަރާތްތައް ދެނެގަތުމަށް ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަންގެ ދަށުން ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން ދިޔަ 150 ތަނެއް ބަލައި ފާސްކޮށް، އެފަދަ 66 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިއަދު ވަނީ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށް، 02 ބިދޭސީއަކު… pic.twitter.com/SRxzq5Lkns
— Maldives Immigration (@ImmigrationMV) January 4, 2026
ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރުވަނީ ދީފައެވެ. އަދި އަންނަ އަހަރު އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.