ޚަބަރު

ދެ އިންތިޚާބު އެއްކޮށްލަން މަޖިލީހުގެ ދައުރު ކުރުކޮށްލަނީ


  • މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1އިން ފެށިގެން 5 އަހަރު ދުވަސް

  • 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރ 2028 އަށް ހަމަވާނެ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ބިލެއް ހުށަހަޅައިފިއެވެ.

ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުން ކަމަށެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިޚާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިޚާބުތަކަށް ހޭދަ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެެވެ.

ދެ އިންތިޚާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި، ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށް ވެގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ. އެހެންވެ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ކުރީގެ ސަރުކާރުތަކަށްވެސް ޚިޔާލު ހުށަހެޅި ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.