ޔަމަނުގެ މައްސަލައަށް މަޝްވަރާ އުސޫލުން ޙައްލު ހޯދުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާތީ ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ޔަމަނުގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެކަން ހައްލު ކުރުމަށް ސަޢުދި އަރަބިއްޔާ އިސްވެ އޮވެ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މިމައްސަލާގައި ދިވެހި ޚާރިޖީއްޔާއިން ވިދާޅުވީ، ދިވެހި ސަރުކާރުން ޔަމަނުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ތާޢީދު އޮތީ، ޔަމަނުގެ ވެރިކަން ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރަށް ކަމަށެވެ.
އެޤައުމުގައި ހިންގަމުންދާ ކަންކަމަށް މަޝްވަރާގެ މަތިން ސިޔާސީ ޙައްލެއް ހޯދުމަށް ޔަމަނުގެ ސަރުކާރު ހިންގާ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލުން ދަޢުވަތު ދީފައިވާތީ އެކަމަށް ދިވެހިރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މިކަމަށް ބާއްވާ ކޮންފަރެންސް ސަޢުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވުމުން ރާއްޖެއިން ވަނީ، އެކަމަށްވެސް މަރުހަބާ ކިޔާފައެވެ. މިކަމުން ދައްކުވައިދެނީ، ޔަަމަނުގައި ހަމަޖެހުމާއި ރައްކާތެރިކަން ޤާޢިމްކޮށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ސަޢުދީ ސަރުކާރުން ދޭ އިސްކަން ކަމުގައި ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
ޔަމަނުގެ މައްސަލާގައި މީގެ ކުރިން ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ޔަމަނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މިމަސައްކަތުގައި އެޤައުމުގެ އެތެރޭގައި މަސްލަޙަތު ހިމެނޭ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާކަން ދިވެހި ސަރުކާރުން ފާހަގަކުރިއެވެ. އަދި މިމަސައްކަތުގެ ތެރެއިން ޔަމަނުގެ ރައްޔިތުންނަށް ތަރައްޤީއާއި، ފާގަތިކަން ލިބި، އެޤައުމުގައި ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުން މުހިންމު ކަމަށްވެސް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.