ކުރިއަށް އޮތް 36 އަހަރު ތެރޭ ރާއްޖޭގެ އާބާދީގެ %53 ދިރިއުޅޭނީ މާލޭގައި ކަމަށް ރާއްޖޭގެ އާބާދީގެ އަންދާޒާ ރިޕޯޓަކުން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ، ރާއްޖޭގެ އާބާދީ 2062 ވަނަ އަހަރާ ހަމައަށް ލަފާ ކުރެވޭ ގޮތުގެ ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ ދާނީ ދަށްވަމުންނެވެ. އަދި މާލެއަށް ހިޖުރަ ކުރާ އާބާދީ ދާނީ އިތުރުވަމުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރާއްޖޭގެ އާބާދީ އަންދާޒާ ކުރާ އެންމެފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ދިވެހިންނާއި، ބިދޭސީން ހިމެނޭހެން މިހާރު ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 547,651 މީހުންނެވެ. ނަމަވެސް މިއަދަދު އިތުރުވެ، 2062 އާ ހަމައަށް ރާއްޖޭގައި ދިރިއުޅޭ އާބާދީ 678،024 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގައި ދިރިއުޅޭ އާބާދީ އިތުރުވާނެ ކަމަށް ލަފާކުރަނީ، ބިދޭސީންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީއެވެ. 2062 ގައި ރާއްޖޭގައި 414،679 ދިވެހިން ދިރިއުޅޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބިދޭސީންގެ އާބާދީއަކީ 263،345 ކަމަށް ވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ބޮޑު އިންސައްތައެއް އަތޮޅު ތެރޭގެ ރަށްރަށުގައި ދިރިއުޅުނު ނަމަވެސް 36 އަހަރު ތެރޭގައި އެ އަދަދުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކުރެއެވެ. އެގޮތުން މާލޭގައި ދިރިއުޅޭ އާބާދީ 227،613ން 361،576 އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިދާރީ ރަށްތަކުގެ އާބާދީ: %45 ން %32 އަށް ދަށްވާނެ
މާލޭގައި ދިރިއުޅޭ އާބާދީ: %42 ން %53 އަށް އިތުރުވާނެ
އިދާރީ ރަށް ނޫން ރަށްތަކުގެ އާބާދީ: %13 ން %15 އަށް އިތުރުވާނެ
ޖުމްލަ އާބާދީގެ އިތުރުން ދިވެހިންގެ އާބާދީއަށްވެސް ކުރިއަށް އޮތް 36 އަހަރު ތެރޭގައި ބޮޑު ބަދަލެއް އަންނާނެއެވެ. އެކި ރަށްރަށުން މީހުން ހިޖުރަ ކުރުމުގެ ސަބަބުން 2062 އާ ހަމައަށް ދިވެހިންގެ އާބާދީގެ %59 ދިރިއުޅޭނީ މާލޭގައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ލަފާކުރާ ގޮތުގައި 2062 ވަނަ އަހަރު މާލޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 246،544 އަށް އަރާނެއެވެ. މިހާރު މާލޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަކީ، 156،727 އެވެ.
މި ބަދަލުތަކާ ގުޅިގެން 2062 ގައި ދިވެހިންގެ އާބާދީ 10،000 ހަމަވާނީ، އެންމެ 6 އަތޮޅުގައެވެ. އެއީ، ހދ. ށ. ރ. ކ. ލ. އަދި އައްޑޫގައެވެ. ބައެއް އަތޮޅުތަކުގައި ބިދޭސީންގެ އާބާދީ ބޮޑުތަނުން އިތުރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން 36 އަހަރު ތެރޭގައި ވ. އަތޮޅުގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ބޮޑު ބައެއް ޙިއްސާ ކުރާނީ، ބިދޭސީން ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އެއް އަތޮޅު ކަމަށްވާ އައްޑޫގެ އާބާދީގެ %36 ޙިއްސާ ކުރާނީ، ބިދޭސީން ކަމަށްވެސް ރިޕޯޓުން ދައްކައެވެ.