ޚަބަރު

2025 ރާޅާ އެޅުންތެރިން ބޮޑު ކުރިއެރުންތަކެއް ހޯދި އަހަރެއް


  • އޭޝިއަން ގޭމްސް 2026ގެ ހަތަރު ޖާގަ ރާއްޖެއިން ހޯދި

  • ޖޫނިއާރ އެތުލީޓުން އުފައްދާ ޖޫނިއަރ އަންހެން ކެޓަގަރީ ފުރަތަމަ ފަހަރަށް ލީގަށް ތައާރަފުކުރި

ނިމިގެން ދިޔަ 2025 ވަނަ އަހަރަކީ އޭޝިއާ ސަރަހައްދަށް ބަލާއިރު ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް، ބޮޑު ކުރިއެރުމެއް ލިބުނު އަހަރެއް ކަމަށް މޯލްޑިވްސް ސާވިސް އެސޯސިއޭޝަން (އެމްއެސްއެލް) އިން ބުނެފިއެވެ.

ފާއިތުވި އަހަރުގެ ކާމިޔާބީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ގައުމީ ޓީމުގެ އެތުލީޓުންނާއި، ހާއްސަކޮށް ޖޫނިއަރ އެތުލީޓުން އަދި ގްރާސްރޫޓް ލެވެލްގެ ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ހަރަކާތެރިވާ އަހުމަދު އަރުޒާން (ޒާންޓެ) ބުނީ ފާއިތުވި އަހަރަކީ ހުރިހާ ގޮތަކުންވެސް އެތުލީޓުންނަށް ކުރިއެރުންތައް ލިބުނު އަހަރެއް ކަމަށެވެ.

”އޭޝިއާ ރީޖަނަށް ބަލަފިއްޔާމު ހަމަ ރާއްޖޭގެ ސާފިން ސްކޮޑު މިހާރު ވަރަށް އިމްޕްރޫވް ކުރަމުން އަންނަނީ، އެ ކުދިންގެ ފެންވަރު އެބަ ހިފަހައްޓާ މުބާރާތްތަކުގައި މި ރީޖަންގަ“ އަރުޒާން ބުންޏެވެ.

އެސޯސިއޭޝަނުގެ ޖަޖިން ޕެނަލްގައިވެސް ހިމެނޭ އަދި ކޯޗުކަން ކޮށްދެއްމުން އަންނަ އަރުޒާން ބުނީ ސަރަހައްދީ މުބާރާތްތަކުން ލިބޭ ފުރުސަތުތަކާއެކު ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް އެކުދިންގެ ފެންވަރު އެއްވަރެއްގައި ދަމަހައްޓާ އިތުރަށް ކުރިޔަށް ދިއުމަށް ފާއިތުވި އަހަރު ބޮޑުހިތްވަރެއް ލިބުނު ކަމަށެވެ.

”އެ ލެވެލްގައި ފެނިފަ އެކްސްޕޯޒް ވީމަ މިހާ ޅަ އުމުރެއްގައި އެ ކުދިންނަށް އެބަ ލިބޭ ފުރުސަތު އެކުދިންގެ ހުނަރު ހުރި މިންވަރު ވަޒަންކޮށްލަން، އަދި އެ ފެންވަރު ދަމަހައްޓާ އިތުރަށް ކުރިޔަށްދާން މަސައްކަތް ކުރަން އެބަ ހިތްވަރު ލިބޭ“ އަރުޒާން ބުންޏެވެ.

ރާއްޖޭގެ ރާޅާއެޅުންތެރިން އަހަރު ނިންމާލީ ތާރީހީ ކާމިޔާބީއަކާއެކުގައެވެ. އެގޮތުން މުޅިން އަލަށް ރާއްޖޭގެ އަންހެން ރާޅާ އެޅުންތެރިން ވަނީ އޭޝިއަން ގޭމްސްއަށް ކޮލިފައިވެފައެވެ.

ރާއްޖޭގެ ޤައުމީ ސާފިން ޓީމުން ފާއިތުވި އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ހޯދި ނަތީޖާތަކަށްފަހު އޭޝިއަން ގޭމްސްގައި އިތުރު އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

އެހެންކަމުން މިއަހަރުގެ ސެޕްޓެމްބަރުން އޮކްޓޫބަރަށް ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 2 އަންހެން އެތުލީޓުންނާއި 2 ފިރިހެން އެތުލީޓުންނަަށް ވަނީ ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ. އޭޝިއަން ގޭމްސް 2026 ގައި ސާފިން މުޅިން އަލަށް ހިމަނާފައިވާއިރު މިއީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް ތާރީހީ މުބާރާތަކަށް ވާނެއެވެ.

ޢިންޑިއާގެ ޓެމިލްނާޑޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގައި 18 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ރާއްޖޭގެ އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

އަރަމުން އަންނަ އެތުލީޓުންނަށް ގައުމީ ފެންވަރުގައި އިތުރު ޓްރޭނިންތަކާއި ބައިނަލްއަގްވާމީ މުބާރާތްތަކުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު ފާއިތުވި އަހަރު އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ވަކިން ހާއްސަކޮށް ގްރާސްރޫޓް ޕްރޮގްރާމް ހަރުދަނާކޮށް މުޅި ރާއްޖެއަށް މި ކުޅިވަރު ފަތުރާލުމަށް ކުރެވުނު މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ.

ނަތީޖާއެއްގެ ގޮތުން ގައުމީ ސާފް ލީގުގެ ފަހު މުބާރާތުގައި މުޅިން އަލަށް ޖޫނިއާ އަންހެން ކެޓަގަރީ ހިމަނާ ރަށްރަށުން ފާހަގަކޮށްލެވުނު ހުނަރުވެރިކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނެވެ. އެގޮތުން ނޮވެމްބަރު 2025 ގައި ކުރިޔަށްގެންދިޔަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިފްގައި 6 ރަށަކުން ޖުމްލަ 36 ބައިވެރިން ވާދަކުރިއެވެ. މުޅިން އަލަށް ހުޅުވާލި އަންހެން ޑިވިޝަނުގައި 6 އެތުލީޓުން ވާދަކުރިއެވެ.

ސީނިއާ ގައުމީ ޓީމުގެ އެތުލީޓުން ޖަޕާނަށް ފޮނުވައިގެން އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ތަމްރީނުތައް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ކުޅިވަރު ވުޒާރާއާއި ގުޅިގެން އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭޝިއަން ގޭމްސްގައި ރާއްޖެއަށް ރަން ވަނައެއް ގެނެސްދިނުމަށް ސީނިއާ ގައުމީ ޓީމުގެ ރާޅާއެޅުންތެރިން އަމާޒު ހިފާފައިވާއިރު ރާއްޖޭގެ ސާފިން ކޮމިއުނިޓީއަށް ފާއިތުވި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް މިއަހަރު ހައްލުލިބޭނެކަމަށް ސާފިން ކޮމިއުނިޓީން އުންމީދު ކުރެއެވެ.

އެއީ މާލެ ސަރަހައްދުގައި މުބާރާތްތައް ބޭއްވުމާއި، ފަރިތަކުރުންތަކަށް ބޭނުންކުރަމުން އަންނަ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރާ ސާފިން ސްޓޭޑިއަމްގެ ހުވަފެނެވެ.

ރާޅާއެޅުންތެރިންގެ އުންމީދާ ގުޅިފައިވާ މި ސްޓޭޑިއަމް ނިމުންވެގެންދާނީ ރާއްޖެއަށް ސަރަހައްދީ ބޮޑެތި މުބާރާތްތައް ގެނެސް ރާއްޖޭގެ އެތުލީޓުންނަށް އިންޓަނޭޝަނަލް އެކްސްޕޯޝަރ ނުވަތަ ބައިނަލްއަގްވާމީ ރާޅާ އެޅުންތެރިންނާއެކު ވާދަކުރުމުގެ ފުރުސަތުތައް އިތުރުކޮށްދީ ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ މޮޅެތި ރާޅާއެޅުންތެރިންގެ ވައްޓަފާޅިއާއި ހުނަރުތައް ދަސްކޮށް މި ކުޅިވަރުގައި ރާއްޖެ އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އެޅިގެންދާ ބޮޑު ފިޔަވަޅަކަށެވެ.

ފާއިތުވި އަހަރު ނިންމާލާ އާ އަހަރާއި ކުރިމަތިލިއިރު ރާޅާއެޅުންތެރިންނަށްވެސް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ގައުމީ ޓީމުތަކުގެ އެތުލީޓުންގެ މުސާރަތައް މިދިޔަ އަހަރުސަރުކާރުން ބޮޑުކޮށްދިނުމާއި، ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަތައް އެއްހަމަކޮށް އަންހެން އެތުލީޓުންނަށް މުޅިން އަލަށް މުސާރަދޭން ފެށުމެވެ.

ފާއިތުވި ދިގު މާޒީގައި ކުޅިވަރުގައި ލިބޭ ހާނިއްކަތަކަށް އެކަށީގެންވާ ފަރުވާ ނުލިބި އެތުލީޓުން އުފުލަމުން އައި ތަކުލީފަށްވެސް މިދިޔަ އަހަރު ސަރުކާރުން ވަނީ ލުއި ގޮތްތަކެއް ހޯއްދަވާދެއްވާފައެވެ. އެތައް ދުވަހެއްވަންދެން ފައިސާ އެއްކޮށްގެން ނޫނީ ނުކުރެވޭކަހަލަ ބޮޑެތި ފަރުވާތަކާއި ދިގު މުއްދަތަކަށް ހޯދާ ފަރުވާތަކަށް އެހީއެއް ނުލިބި، މޮޅެތި އެތުލީޓުން ކުޅިވަރުތައް ދޫކޮށް އެކަހެރިވެގެންދާ ދިއުމަށް ހައްލެއް ވަނީ ހޯދާފައެވެ.

އެގޮތުން މި ޖެނުއަރީން ފެށީގެން އަލަށް ތައާރަފްކުރި އިންޝިއުރެންސާއެކު ކުޅިވަރުގެ ތެރޭގައި އެތުލީޓުން ބޭތިއްބުމަށް މަގުފަހިވާ ގިނަ ކަންކަން މިއަހަރު ތަންފީޒު ވެގެންދާނެއެވެ.

ގައުމީ ޓީމުގެ ރާޅާ އެޅުންތެރިންނަށްވެސް މި ޖެނުއަރީން ފެށިގެން އިންޝުއަރެންސް ލިބޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ޢެހެންކަމުން ކުރިޔަށް މިދަނީ ރާޅާ އެޅުންތެރިންނަށްވެސް ވަަަރަށް އުންމީދީ އަހަރެކެވެ.