ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކާށިދޫ ބަލިކޮށް 2024 ޗެމްޕިއަނުން އޭދަފުށި ޝީލްޑް އުފުލާލައިފިއެވެ.
މިމުބާރާތުގައި މިދެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް އޭދަފުށިން މިވަނީ ކާށިދޫގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ މިރޭ ކުޅެވުނު މެޗުގެ އިތުރުން މިދިޔައަހަރުގެ ޒޯން ބުރުގައި ކުޅުނު މެޗާއި ޒޯން ފައިނަލް މެޗެވެ.
ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު އޭދަފުށިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމުން ކުރެ އެއްޓީމަކަށްވެސް ގޯލެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.
ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ އެޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޝާންގެ ސޭވްތަކާއެކު 3-1 ނެވެ. ކާށިދޫއިން ފޮނުވާލި 4 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ޝާން ވަނީ ނަގާފައެވެ.
މުޅި ރާއްޖެ ޝާމިލްވާގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ގޯލްޑެން ފުޓްސަލް ޖެލެންޖުގެ މިއަހަރުގެ މުބާރާތަކީ 10 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ އެހެން އަހަރުތަކާ ހިލާފަށް ޒަމާނީ ވަސީލަތްތަކާއެކު ވީޑިއޯ އެސިސްޓަންޓް ރެފްރީގެވެސް އެހީއާއެކުއެވެ.