ޚަބަރު

މި އަހަރު ނިމޭއިރު ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ


  • މިއަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 849 މިލިއަން ޑޮލަރުގައި

  • ރިޒާވް ވަރުގަދަވުމަށް ބޭރު ފައިސާގެ އައު ގަވާއިދު ބޮޑު ދައުރެއް އަދާކުރި

މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށް އެބޭންކުން ފާހަގަކުރެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025ވަނަ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 849 މިލިޔަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިޔަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ރިޒާވް މިހާ ބޮޑަށް ރަނގަޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއި، ކަރަންސީ ސްވޮޕް ފެސިލިޓީގެ އެހީގައެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ރިޒާވް ވަރުގަދަވުމަށް ބޭރު ފައިސާގެ އައު ގަވާއިދުތަކުގެ އިތުރުން، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ބޮޑު ދައުރެއް އަދާކުރިއެވެ. މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުންވެސް، ކުރު މުއްދަތަކަށް ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގައި ކުރިއަރާފައެވެ. މިކުރިއެރުން މައިގަނޑު ގޮތެއްގައި އައީ ޓޫރިޒަމް ދާއިރާއާއި، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

ނަމަވެސް، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ބޭރުގެ އިގްތިސާދީ ނިންމުންތަކުގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން އިންޒާރުދެއެވެ. އަދި ޔޫއެސް ޓްރޭޑް ޕޮލިސީއާ އެކު އިންވެސްޓްމެންޓްތަކަށް އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ފިސްކަލް ހާލަތު އެދެވޭ ގޮތެއްގައި ރަނގަޅު ނުވެއްޖެނަމަ، މާލީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ބައިނަލްއަޤްވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑިސްއިން އިން ވަނީ ފާހަގަކޮށްފައެވެ.