އައު ޚިދުމަތްތަކާއެކު ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ތަޢާރަފްކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓު ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ، އެކަމަށްޓަކައި އެ ކޯޕަރޭޝަނުގައި ބޭއްވި ހަފްލާއެއްގައި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އަލަށް ތަޢާރަފްކުރެވުނު ވެބްސައިޓުގެ މަގްސަދަކީ، ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭއިން ޙައްޖު އަދި ޢުމްރާގެ ޚިދުމަތަށް ރަޖިސްޓަރ ކުރުމާއި ޙައްޖު އަދި ޢުމްރާއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ.
އައު ވެބްސައިޓުގައި، ޙައްޖު ކިއުލިސްޓް އާންމުންނަށް ފެންނާނެ ގޮތަށް އާއްމުކޮށްފައިވާނޭކަން ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް “ފަހެލި"ގެ ޙިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މީގެއިތުރުން، މި ވެބްސައިޓުގައި ޙައްޖު އަދި ޢުމްރާ ދަތުރުތަކާއި ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތައް ޝާއިއުކުރެވިގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފައިވަނީ މޮބައިލް ފޯނުން ޚިދުމަތްތައް ހޯދަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން މި ވެބްސައިޓްގެ ހުރިހާ ޚިދުމަތްތަކެއްވެސް ފަރުމާކޮށްފައިވަނީ މޮބައިލް ފްރެންޑްލީ ވާޝަންތަކެއްގެ ގޮތުގައިކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.
އަޅުގަނޑުމެންގެ ވެބް ސައިޓް މިހާރު ވަނީ ބަދަލުވެފައި. އައު ވެބްސައިޓްއަށް ޒިޔާރަތް ކޮއްލުމަށް https://t.co/hzweJtsOhX ބޭނުންފުޅުކުރައްވާ! #އިތުބާރާއިޔަޤީންކަން pic.twitter.com/0xzQDqHoMN
— Maldives Hajj Corporation Limited (@Hajjcorporation) January 2, 2026
ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މޮބައިލް އެޕްލިކޭޝަނާއެކު އޮންލައިން ޕޯޓަލް އަދި ވެބްސައިޓްގެ ތެރެއިން ދެވޭ ހުރިހާ ޚިދުމަތްތަކެއް މޮބައިލް އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ލިބިގެންދާނެކަމަށެވެ.