ޚަބަރު

"ނިމުނު 52 ހަފުތާ"އަކީ ކިޔަވާ ކުދިންނާއި ދިރާސާކުރާ މީހުންނަށް ހުޅުވުނު ފުރުސަތެއް


  • ނިމުނު 52 ހަފުތާ ފޮތުގައި 2025 ވަނަ އަހަރުގެ ވަކިވަކި ތާރީޚުގައި ހިނގައިދިޔަ ކަންކަން ފަސޭހައިން ބަލައިލެވޭނެ

ޕީއެސްއެމް ނިއުސްގެ "ނިމުނު 52 ހަފުތާ 2025" ފޮތަކީ ކިޔަވާ ކުދިންނާއި ތާރީޚު ދިރާސާ ކުރާ މީހުންނަށް ހުޅުވުނު މުހިންމު ފުރުސަތެއްކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.

ޝަކީބު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ނިމުނު 2025 ވަނަ އަހަރު ގެނައި ޚަބަރުތަކާއި މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ "ނިމުނު 52 ހަފުތާ 2025" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ ނިމުނު 52 ހަފުތާ ފޮތަކީ 2025ވަނަ އަހަރުގެ ޕީއެސްއެމް ނިއުސްގެ ފަރާތުން ފޯރުކޮށްދިން އެކި ޚަބަރުތަކާއި ހާދިސާތަކާއި މުހިންމު ކަންކަން އެކުލެވޭ ގޮތަށް ކޮންމެ ވަގުތެއްގައިވެސް ބަލައިލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށެވެ. ޕީއެސްއެމުން ކުރިއަށް އޮތްތަނުގައިވެސް ކޮންމެ އަހަރަކު މިފަދަ ފޮތެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަކީބު ވިދާޅުވީ މިފޮތަކީ ކިޔަވާ ކުދިންނާއި ތާރީޚީ އެކި މައުލޫމާތު ބޭނުންވާ ފަރާތްތަކާއި އަދި އެފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށްވެސް ހުޅުވާލެވުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އެގޮތުން، ނިމުނު 52 ހަފުތާ ފޮތުގައި 2025ވަނަ އަހަރުގެ ވަކިވަކި ތާރީޚުގައި ހިނގައިދިޔަ ކަންކަން ފަސޭހައިން ބަލައިލެވޭނެކަން ފާހަގަކުރެއްވިއެވެ.

"2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިނގައި ދިޔައީ ކޮން ކަމެއްތޯ ރާއްޖޭގައި، ވޭތުވެދިޔަ އަހަރު ޖުލައި 26ގެ އިހުތިފާލުގެކަންކަން ކުރިއަށްދިޔައީ ކޮންތަންތަނެއްގައިކަން، ކޮން ކަންތައްތަކެއްކަން ހިނގައިދިޔައީ، ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރެއިން ފާހަގަކޮށްލެވޭ ކޮންކޮން ބޭފުޅުންނެއްތޯ. މިހުރިހާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެންނަން ހުންނާނެ މިހާރު،" ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.

ޕީއެސްއެމްގެ ހުރިހާ ޗެނަލެއް "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުން ބެލޭނެ ޚިދުމަތް ތަޢާރަފު ކުރެއްވުމަށް އަލިއަޅުއްވާލައްވައި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިއީ ޕީއެސްއެމްގެ ކުޑައިގެ ދަށުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ތަނަސްވަކޮށް ހުޅުވާލި ދޮރެއް ކަމަށެވެ. މި ޚިދުމަތާއެކު މިހާރު އެއްވެސް ފީއެއް ދެއްކުމެއް ނެތި ޕީއެސްއެމް އެއަރ މެދުވެރިކޮށް ކޮންމެ ހިސާބެއްގައި ހުރެގެންވެސް ޕީއެސްއެމްގެ ޗެނަލްތައް ބަލައި ރޭޑިއޯ އަޑުއެހުމުގެ ފުރުސަތު ފަހިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޝަކީބު ފާހަގަކުރެއްވި ގޮތުގައި މިއީ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ޚިދުމަތް އާންމުންނަށް ފޯރުކޮށްދިނުމަށް ޕީއެސްއެެމުން ކުރެވުނު ވަރަށް މުހިންމު މަސައްކަތެކެވެ.