ޚަބަރު

ވީއައިއޭގައި ހުއްދަ ނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ


  • އެއަރޕޯޓުގައި ޚިދުމަތެއް ދެވޭނީ ޚާއްސަ ހުއްދައެއް ހޯދައިގެން

  • ހުއްދަ އޮންނަ ވިޔަފާރިތަކުންވެސް އުސޫލާއި އެއްގޮތަށް އަމަލުކުރަންޖެހޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި މުއާމަލާތް ކުރާތީ އެކަން ނުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން އަންގައިފިއެވެ.

އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފޯރުކޮށްދިނުމަށް އެކި ވިޔަފާރިތައް ކުރުމާއި ޚިދުމަތް ދިނުމުގެ ހުއްދަ ވަކި ޚާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ. އެހެންކަމުން އުސޫލުތަކާއި އެއްބަސްވުންތަކުގެ ތެރެއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން ބަޔަކު އެ އެއާޕޯޓުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރިއާއި ޚިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާނީ ކަމާގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލުން ހުއްދަ ދީފައިވާ ފަރާތްތަކަށްކަން ފާހަގަކޮށް އެ ކުންފުނިން ވިދާޅުވީ އެހެން ފަރާތަކުން އެފަދަ ވިޔަފާރިތައް އެއަރޕޯޓުގައި ކުރިއަށްގެންދިއުންވެސް މަނާވާނެ ކަމަށެވެ. ހުއްދަ ދީފައިވާ ފަރާތްތަކަށްވެސް އެ ހުއްދަ ދީފައިވާ ޚިދުމަތެއް ނޫން އެހެން އެއްވެސް ޚިދުމަތެއް ދިނުންވެސް މަނާވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

ހުއްދަ ދީފައިވާ ފަރާތްތަކުންވެސް އެ ވިޔަފާރިއެއް ދޭންޖެހޭނީ އެކަމަކަށް ކަނޑައަޅާފައިވާ ޖާގައިގައި ހުންނަ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށްވެސް އެމްއޭސީއެލުން ވިދާޅުވިއެވެ. އަދި އެފަދަ ޚިދުމަތް ދޭ ފަރާތްތަކުން ތިބެންވާނީ ތަމްސީލުކުރާ ކުންފުނީގެ ޔުނިފޯމު ލައިގެން ނުވަތަ ފާސް އަޅައިގެން ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލުން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އެއަރޕޯޓުން ޚިދުމަތް ހޯދާ އެހެނިހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެއަރޕޯޓުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކުންފުނީގެ ޒިންމާއަކަށްވާތީ ހުއްދަ ނެތި އެއްވެސް ވިޔަފާރިއެއް ކުރާކަން ފާހަގަކުރެވިއްޖެނަމަ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.