ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ރައީސްއަށް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ބައެއް ތަންތަނުން އާސަންދަ ނުލިބުމުގެ ޝަކުވާ ހިމެނެއެވެ.
ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ސިއްހީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
މީގެތެރެއިން ޕްރިސްކްރިޕްޝަން ގްލާސަސް (އައިނު) ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ވިދާޅުވިއެވެ.
އެންސްޕާއިން ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް އަންނަ މަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ފެށޭނެކަމަށެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރާއެއްވެސް ހުޅުވާފައެވެ. އަދި އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.