ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދުގައި ވަރަށް ރަނގަޅު މިންގަނޑެއް އޮތް ނަމަވެސް 2014ވަނަ އަހަރު އެ މިންގަނޑުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ކުރީގެ މިންގަނޑާ އެއްގޮތަށް އަލުން އަމަލުކުރުމަށް ސީއެސްސީގައި ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސީއެސްސީން 2014 ގައި އަމަލުކުރަން ފެށި، މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތުގެ ގަވާއިދުގައިވާ ގޮތުން މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓައި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމާއި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުނު އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ އެ މާއްދާ ބަދަލު ކުރައްވާފައެވެ. އެގޮތުން، ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައިވާ ގޮތުން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަންވާނީ ދިގު ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެވެ. ހެދުން އެޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ ކަންކަންވެސް މި އިސްލާހުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް މަނާވާނެއެވެ.
ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.