ޚަބަރު

އައު އަހަރާ ގުޅޭ ފެސްޓިވަލް މިއަދު ހަވީރު ފަށަނީ


  • ފެސްޓިވަލް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • ފެސްޓިވަލް އޮންނާނީ، މިމަހުގެ 30 އިން ޖެނުއަރީ 1 އަށް

  • މިއަހަަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވޭ

މިއަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށާއި އައު އަހަރަށް މަރުހަބާ ކިޔުމުމަށް ބާއްވާ މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މިއަދު ހަވީރުން ފެށިގެން ޖެނުއަރީ 1އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ފެސްޓިވަލުގެ ތެރެއިން އައު އަހަރާ ގުޅުވައިގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގައި ފުޑް ސްޓޯލްތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ފެސްޓިވަލަކީ، ދިވެހީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ، ހުރިހާ ޢުމުރުފުރައަކާ ގުޅޭ، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ފެސްޓިވަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިދިޔަ އަހަރުގެ ކާމިޔާބީއަށް ބަލައި މިއަހަރުގެ ފެސްޓިވަލުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ފެސްޓިވަލަކީ، މިއަހަރު ތެރޭ ހޯދުނު ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

މިއަހަރުގެ މި ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ލޯކަލް ކޮމިއުނިޓީތަކުގެ އަގު ޤައުމީ ފެންވަރުފައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.