ޚަބަރު

ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ވެރިފަރާތާއި ޙަވާލުކޮށްފި


  • 787 އުޅަނދެއް ޓޯކުރި

  • އުޅަނދުތައް ދޫކުރަނީ ދައުލަތަށް ދައްކަންޖެހޭ ފީ އާއި ޖޫރިމަނާ ދެއްކިކަން ޔަޤީންކުރުމަށްފަހު

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރެގެން ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ވެރިފަރާތާއި ޙަވާލުކޮށްފިއެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކުއެވެ. މިއީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކޮށް، ޕާކިންގ ތަރުތީބުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތަކެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކޮށް، ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯވކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 787 އުޅަނދެއް ޓޯކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ޓޯކުރި އުޅަނދުތަކުގެ ތެރެއިން އުސޫލުގެ ތެރެއިން ޖުމްލަ 105 އުޅަނދެއް މިހާތަނަށް ދޫކޮށްފައިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޓޯކޮށްފައިވާ އުޅަނދުތައް ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާއިރު، ޓޯކުރެވޭ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިންގަނޑުތަކަށް ބެލުމަށްފަހުކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން، ދޫކޮށްފައިވާ އުޅަނދުތައް ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހުއެވެ. އަދި ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެއުޅަނދެއް ދޫކުރުމަށްވަނީ ހަމަޖެހިފައިކަމަށްވެސް ފުލުހުން ވިދާޅުވެއެެވެ.