ޢާންމު ސިއްޙަތު ރަނގަޅުކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކާއި ދިވެހިރާއްޖޭގެ އަޑުން އަދާކޮށްފައިވަނީ މުހިއްމު ދައުރެއް ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރުވަނީ، ޢާންމު ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް އަޑުން ކުރެއްވި ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ދިވެހިރާއްޖޭގެ އަޑުން ފާހަގަކޮށްލެވޭ މުހިއްމު ޕްރޮގްރާމްތަކާއި ޚަބަރުތައް ގެނެސްދެއްވާފައިވާ ކަމަށެވެ. އަދި އެދުވަސްވަރެއްގައި ފެތުރެމުންދާ އެކި ބަލިމަޑު ކަމާއި ގުޅިގެން ރައްޔިތުން ސަމާލުވާންވީ ކަންކަމާ ގުޅޭ މުހިއްމު މަޢުލޫމާތުތައް އަޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔެއާއި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް އެންމެފަހުގެ އެންމެ ސައްޙަ މަޢުލޫމާތު ގެނެސްދިނުމުގެ ނަތީޖާއަކީ، ދިވެހީން ކަންކަމަށް ލޯހުޅުވިގެން ދިޔުން ކަމަށް ވިދާޅުވިއެވެ.
"މީހުންގެ ނަފްސު ބިނާކުރުމަށް ބޭނުންވާ އެކި މަޢުލޫމާތު ވަރަށް ބޮޑަށް ރޭޑިއޯ މެދުވެރިކޮށް ގެނެސްދީފައިވޭ. އަޅުގަނޑު މިހާހިސާބަށް އައުމުގައި އަދި އަޅުގަނޑު ޑިސިޕްލިން ކުރުމުގައި ވަރަށް މުޙިއްމު ދައުރެއް ރޭޑިއޯ އަދާކުރި. " ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ރޭޑިއޯއިން ގެނެސްދިން ޕްރޮގްރާމްތަކާއި، ލަވަތަކާއި ގުޅޭގޮތުން ވަޒީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަމައެއާއެކު ރާއްޖޭގައި އަސާސީ ތަޢުލީމުގެ ދާއިރާ ފުޅާކުރުމުގައިވެސް ޚާއްސަ ދައުރެއް އަޑުން އަދާކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރޭޑިއޯ ވެފައިވަނީ، އިހުގެ ދިވެހީންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ޙިއްސާއަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހަކީ، ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑުން ވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު ޚާއްސަ ކަވަރޭޖެއް ގެނެސްދީފައެވެ.