ޚަބަރު

ޢާއިލީ ގުޅުމާއި ރިވެތި އަހުލާގުގެ ތެރެއިން ޤައުމުގެ އިސް މަޤާމަކަށް


  • ނައިބު ރައީސްއަކީ ކަންކަމުގައި މަޝްވަރާ ކުރައްވާ ބޭފުޅެއް

  • ނައިބު ރައީސްކަމުގެ މަޤާމަށް އައުމާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައި

  • ދީނަށް ލޯބިކުރާ ޢާއިލީ ގުޅުން ދަމަހައްޓާ ދަރިއަކަށްވުމަށް ބާރުއެޅުއްވި

ޢާއިލީ ގުޅުންތަކާއި، ޤައުމީ ވާޖިބުތައް އަދާކުރެއްވުމުގައި އެންމެ މުހިއްމީ ރަނގަޅު އަހުލާގާއި، މަޝްވަރާގެ ރިވެތި އުސޫލެވެ. މިނަމޫނާ މިއަދު ފެންނަމުންދަނީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފުގެ ޙަޔާތްޕުޅުންނެވެ.

ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދެއްވި ބާއްޖަވެރި ހެނދުނު ޕްރޮގްރާމުގެ ޝަރަފުވެރި މެޙްމާނަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްގެ ދެކަނބަލުންނެވެ. ޕްރޮގްރާމްގެ ތެރެއިން ދެބޭފުޅުންވެސް ވަނީ އަމިއްލަފުޅު ޒާތީ ދިރިއުޅުއްވުމާއި ސިޔާސީ ޙަޔާތްޕުޅުގެ އިތުރުން ޢައިލީ އެތައް ވާހަކަފުޅުތަކެއް ޙިއްސާކުރައްވާފައެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސްގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވީ، ނައިބު ރައީސްއަކީ ކަންކަން ނިންމުމުގައި ޢާއިލާގެ މަޝްވަރާ ހޯއްދަވާ ބޭފުޅެއް ކަމަށާއި އެހެންނަމަވެސް އެންމެފަހުގެ ނިންމުން ނިންމަވާނީ އަބަދުވެސް އެމަޝްވަރާގެ އަލީގައި އަމިއްލަފުޅަށް ކަމަށެވެ. އަދި ޢާއިލާއާއި ދިރިއުޅުއްވުމުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވަނީ މަޝްވަރާ ކުރައްވައިގެން ކަމަށް ވިދާޅުވިއެވެ.


"ވަރަށް ގިނަ ރަނގަޅު ކަންކަން ފާހަގަކުރެވޭ، އަޅުގަނޑަށް އެންމެ ކަމުދާ އެއް ސިފައަކީ، ކަންކަމުގައި ވަރަށް ޢާއިލާގެ މަޝްވަރާ ހޯއްދަވާނެ. ބައްޕަމެންގެ ލަފާ އަޑުއައްސަވާނެ އެކަމަކު ގޮތް ނިންމާނީ، އަމިއްލައަށް އެ މަޝްވަރާތައް އަޑުއެއްސެވުމަށްފަހު." އަފްރީން ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިހާތަނަށް އެންމެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނަންގަވަން ޖެހުނު އެންމެ ބޮޑު ފިޔަވަޅަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުން ކަމަށެވެ. އެހެންނަމަވެސް އެކަންވެސް އަނބިކަނބަލުން އަފްރީންއާއި ޙިއްސާކުރެއްވިކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދުރުގައި ހުރެފަ އެވާހަކަ ޙިއްސާ ކުރަންޖެހުނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެނިންމުން ނިންމަން ޖެހުނީ." ނައިބު ރައީސް ވިދާޅުވިއެވެ.

ޢާއިލީ ގުޅުން ބަދަހިކުރެއްވުމަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަކުރެއްވޭއިރު، އެއީ ޢާއިލީ ވެށީގެ ތެރޭގައި މަންމައާއި ބައްޕަގެ އޯގާތެރިކަމުގެ ހިޔާވަހިކަމުން ލިބިވަޑައިގަތް ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މައިންބަފައިން އަބަދުވެސް ދެއްވާ ނަސޭޙަތަކީ، ނަމާދަށް ފަރުވާތެރިވުމަށާއި ކުރާ ކޮންމެ ކަމެއްގައި އިޙްލާސްތެރިވުން ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަށު ކަތީބުގެ ގޮތުގައި އެތައް އަހަރަކު ޚިދުމަތް ކުރެއްވި ބައްޕާފުޅު ދެއްވި ޚާއްޞަ ނަސޭޙަތަކީ ވެރިންނަށް އިޚްތިރާމް ކުރެއްވުން ކަމަށް ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ތެރެއިން ނައިބު ރައީސްގެ ބައްޕާފުޅަށް ގުޅުއްވާ ރޭޑިއޯ މެދުވެރިކޮށް ދެއްވި ނަސޭޙަތަކީވެސް އެއީއެވެ.

" އަޅުގަނޑުގެ ނަސޭޙަތަކީ، މިހާރު ތިއުޅުއްވާހެން އިޚްލާސްތެރިކަމާއެކީ ރިވެތި އަހުލާގުގެ ވެރި ކުއްޖަކަށް ވާށޭ. އަދި މީހުންނަށް އިޚްތިރާމް ދީ އިޚްތިރާމް ލިބިގަންނާށޭ. އަދި މާތްވެގެންވާ އިސްލާމްދީނަށް ލޯބިކޮށް ދީން ދެމެހެއްޓުމަށް ވީވަރަކުން މަސައްކަތް ކުރާށޭ. ދެން ބުނެލަން އޮތީ، ބައްޕަ ނެތް ދުވަހެއްގައިވެސް ޢާއިލާ ބައިބައިވިޔަނުދީ ޢާއިލާ އެކުއެކީ ހިފެހެއްޓުމަށް މަސައްކަތް ކުރާށޭ." ނައިބު ރައީސްގެ ބައްޕާފުޅު ވިދާޅުވިއެވެ.

ނައިބު ރައީސްއާއި އަފްރީންއަކީވެސް ޢާއިލީ ވެއްޓެއްގައި ބޮޑުފުޅުވީ، ދެ ބޭފުޅުންނެވެ. އެހެންކަމުން ޢާއިލީ ގުޅުން ދެމެހެއްޓުމަށް ވަގުތު ލިބޭ ވަރަކުން މިހާރުވެސް މަސައްކަތް ކުރައްވާކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. ދެބޭފުޅުންގެ ދިރިއުޅުއްވުމުގައިވެސް އެންމެ މުހިއްމު އަދި އެންމެ ޚާއްޞަ ފަރާތަކީ، ދަރިފުޅުކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެންމެ މަތީ އެއް މަޤާމު ފުރުއްވަމުންދާއިރު، އެކަން ފުރިހަމައަށް އަދާކުރެއްވުމަށް ޢާއިލާގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުމާއި ގިނަ ޤުރުބާނީތަކެއްވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.