ޚަބަރު

ސައުތު އެފްރިކާ ބަލިކޮށް މިސްރު ދެވަނަ ބުރަށް


އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި އިއްޔެ ސައުތު އެފްރިކާ އާއި ދެކޮޅަށް މިސްރު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މިސްރު މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ގްރޫޕް ބީ ގައި ކުޅުނު މި މެޗުން މިސްރު މޮލުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 2 މެޗުން މޮޅުވެ ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސައުތު އެފްރިކާ އަށް ދެ މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ.

މި މެޗުން މިސްރު މޮޅުވި ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު ސަލާ ވަނީ އޭނާ އެންމެ ފަހުން މިސްރުގެ ގައުމީ ޓީމަށް ކުޅުނު 17 މެޗުގައި ޖެހި ލަނޑުގެ އަދަދު 13 އަށް އަރުވާފަ އެވެ.

ނަމަވެސް ހަތް ފަހަރު މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ މިސްރުގެ މުހައްމަދު ހާނީ އަށް 45 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން މި މެޗުގެ ދެވަނަ ހާފު އެއްކޮށް ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ގްރޫޕްގެ ފަހު މެޗުގައި މިސްރު ނިކުންނާނީ އެންގޯލާ އާއި ދެކޮޅަށެވެ. އަދި ސައުތު އެފްރިކާ ނިކުންނާނީ ޒިމްބާބްވޭ އާއި ދެކޮޅަށެވެ. ދެވަނަ ބުރުގެ ދެވަނަ ޖާގަ މި ގްރޫޕުން ލިބޭނީ ޒިމްބާބުވޭ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުގެ ނަތީޖާ އަށްފަހުގަ އެވެ.