ކޮންމެ މީހަކުވެސް އެމީހެއްގެ ޒުވާން އުމުރުގައި ވިސްނާ ފިކުރު ކުރާ ކަންކަން ތަފާތެވެ. އާންމުކޮށް ކޮންމެ މީހެއްގެ ފިކުރަކީވެސް މުސްތަޤުބަލެވެ. ނުފުދިވާ ކަމެއް ފުއްދުމެވެ. ޤައުމުގެ ޒުވާން ޖީލު ދީނާ ދުރުވުމާއި މެދު ވިސްނާ މީހުން މަދެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެފަދަ ބޭފުޅެކެވެ.
"ތިޔައީ މިއަދުގެ ޒުވާނެއްނަމަ، އެންމެ ބޮޑަށް ކަންބޮޑުވާނީ ކޮންކަމަކާ ހެއްޔެވެ؟" މިއީ، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހުށަހެޅުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ބައްދަލުވުމުގައި ޒުވާނަކު ރައީސުލްޖުމްހޫރިއްޔާއާއި ކުރި ސުވާލެކެވެ. އެ ސުވާލަށް ޖަވާބު ދެއްވަން ޖެހިވަޑައިގަތުމުން، އެމަނިކުފާނު ވިދާޅުވީ އަދި މިހާތަނަށް އެފަދަ ނަޒަރިއްޔާތަކުން ވިސްނަވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. ޒުވާނުންގެ އެކި ކަންބޮޑުވުންތައް ހައްލުކުރަން މިހާރުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޚުދު އެމަނިކުފާނު ޒުވާނެއްގެ ފިޔަވަޅު މަތީ ހުރިނަމަ، ފިކުރު ކުރައްވާނެ ކަމަކާއި މެދު އެމަނިކުފާނުގެ ވިސްނުންފުޅު ޙިއްސާ ކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ދީނީ ޤައުމީ ނަޒަރިއްޔާތަކުން ވިސްނަވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާޅުކުރެއްވީ ޒުވާން ޖީލު، ނޭނގި ނަމަވެސް ދީނީ އަޤީދާއާއި ދުރުވެގެން ދިއުމެވެ. ބައެއް ޒުވާނުންނަށް މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި މިއީ އެހާވާރުގެ ކަމެއްގެ ގޮތުގައި ނުދެކި، މަގު ކަޝިޔާރުވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް ވަރަށް ބޮޑަށް ކަންބޮޑުވާ ލެވެލްއަށް ގޮސްފައިވާ ކުދިން ތިބި ކަމުގައި ވިދާޅުވިއެވެ. އެފަދަ ކުދިން އަނބުރާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއަށް ގެނައުމާއި މެދު ފިކުރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑަށް ޔަޤީން ދިވެހި މުޖުތަމަޢު ތެރޭގައި އެއްވެސް ކުއްޖަކު އެއްވެސް ޒުވާނަކު ގަސްތުގައި އެނގިހުރެ ނުދާނެ އެމަގަކުންނެއް. ނޭނގި ތިބެ އެކި ކަހަލަ ޕްރެޝަރސްތަކާއި، އެކި ކަހަލަ ކަންކަމުގެ ތެރެއިން ނިކުމެވެނީ. އެއީ، އަޅުގަނޑު ޔަޤީނުންވެސް ކޮންސާން ވާނެ ކަމެއް. ކުރިންވެސް ކޮންސާންވި ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީކީ ހަމައެކަނި މިއަދު އެމަނިކުފާނަށް އައި ވިސްނުމެއް ނޫންކަން ފާހަގަކޮށް، އެމަނިކުފާނު ޖެހިލީ އިނގިރޭސިވިލާތުގައި އެމަނިކުފާނު ކިޔެވުމަށް ހޭދަ ކުރެއްވި ދުވަސްތަކަށެވެ. އޭރުވެސް އެކުގައި ކިޔެވި ކުދިންނާއެކު މި ކަންބޮޑުވުންތަކާއި މަޝްވަރާކުރެއްވި ކަމުގައި ވިދާޅުވިއެވެ. އޭރުގެ ވިސްނުމަކީ، އަނބުރާ ރާއްޖެ އައިސް އޭރުގެ ޒުވާނުން ދީނީ ގޮތުން ހަރަކާތްތެރި ބަޔަކަށް ހެދުމެވެ. ދިވެހި ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ އަށަގަނެ ވަރުގަދަ ކުރުމަށެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންވެސް އެމަނިކުފާނުގެ ސިޔާސަތުތައް ކަނޑައަޅުއްވާއިރު، އެމަނިކުފާނު އަދިވެސް އެ ވިސްނުމުގައި މަސައްކަތް ކުރައްވާކަން އެނގެއެވެ. ދީނަށް ލޯބި ޖެހިފައިވާ ޤައުމަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާ ކުރުމަށް ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފް ކުރެއްވިއެވެ. ޒުވާން ޚަޠީބުންނާއި، އިމާމުން ތަމްރީނުކޮށް ތާޒާ ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.