ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފިއެވެ. ދިވެހި ޓީމުން ފައިނަލްގެ ޖާގަ ޔަގީން ކުރީ މިރޭ ކުޅުނު ސެމީފައިނަލް މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިގެންނެވެ.
ލީގުބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ ދިވެހި ޓީމުން ބަންގްލޭޝްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-17، 25-12 އަަދި 15-12 އިންނެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި، ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ދިވެހި ޓީމުގެ ކޯޗު ވަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
ސެމީފައިނަލް މެޗުގައިވެސް ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން ޒަރީރް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން ޝަހާ، ނަރީމާ، އަރީޝާ އަދި މާޔާވެސް ވަނީ މުޅި މުބާރާތުގައިވެސް ދައްކަމުން އަންނަ ތަފާތު ކުޅުން ދަމަހައްޓާފައެވެ.
މުބާރާތުގެ ފައިނަލްގައި ދިވެހިރާއްޖެ މިފަހަރުވެސް ބައްދަލުކުރަން ޖެހޭނޭ އެންމެ ފަހުގެ ފައިނަލްގައިވެސް ވާދަކުރި ކިރްގިސްތާނާއެވެ. އެހެންނަމަވެސް އެންމެ ފަހު މުބާރާތާ ހިލާފަށް މިއަހަރު ދިވެހި ޓީމު ވަނީ ލީގު ބުރުގައި ކިރްގިސްތާން ބަލިކޮށް ރަންމެޑަލް އަކީ ދިވެހި ޓީމަށް ހޯދޭނެ އެއްޗެއްކަން ދިވެހި ސަޕޯޓަރުންނަށް ދައްކުވައިދީފައެވެ.
މިއީ ރާއްޖެ އާއި ކިރްގިސްތާން މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗުން ދިވެހި ޓީމް ބަލިވީ 3-2 ސެޓުންނެވެ. ހެންނަމަވެސް ރާއްޖޭގެ ވޮލީގެ ތާރީޙް ބަދަލުކޮށް ފުރަތަމަ ރަންމެޑަލް ހޯދަން ދިވެހި ޓީމުން ކުރަމުންދާ މަސައްކަތަށް އިތުރު ހިއްވަރެއް މިފަހަރު ލިބުނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކިރްގިސްތާނުގެ މައްޗަށް ދިވެހި ޓީމުން ހޯދި މޮޅާއެކުއެވެ.
ކާވާ ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިއަދު ހަވީރު ކުޅެވިގެންދާނީ މުބާރާތުގެ ތިން ވަނަ ހޮވާމެޗެވެ. ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާއި ބަންގްލަދޭޝްއެވެ.