ޚަބަރު

ޒުވާން ލީޑަރުގެ މަރާއެކު ބަންގްލަދޭޝްގެ ނޫސްވެރިންނަށް ނުރައްކާ


ބަންގްލަދޭޝްގެ ނޫސްވެރިންނަށް އިންތިހާއަށް ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ޤައުމުގައި ހިންގާ ނޫސްތަކުގެ އެޑިޓަރުން ބުނެފިއެވެ. ބަންގްލަދޭޝްގައި މި ފަދަ ޙާލަތެއް ކުރިމަތިވެފައި މި ވަނީ އެ ޤައުމުގެ ޒުވާނުން ތަމްސީލުކުރާ އިސް މީހެއް ކަމަށްވާ ޝަރީފް އުޘްމާން ހާދީއަށް ޙަމަލާދީ މަރައިލި ހާދިޘާއާ ގުޅިގެން ބަންގްލަދޭޝްގައި ހަމަނުޖެހުން ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ހާދީއަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމުގައި މެދުވެރިވި ޒުވާނުންގެ މުޒާހަރާގައި އިސް ދައުރެއް އަދާކުރި މީހެކެވެ. އޭނާ މަރާލާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޙާބަށް ކުރިމަތިލައި އޭނާގެ ކެންޕޭނު ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިންނެވެ.

ހާދީގެ މަރަށް ފަހު ބަންގްލަދޭޝްގެ އެކި ބައިގަނޑުތަކުން ދަނީ ނޫސް އިދާރާތަކަށް ޙަމަލާ ދީ އެ ފަދަ ތަންތަނުގައި ހުޅުޖަހައި ގެއްލުން ދެމުންނެވެ. ޙަމަލާދޭ މީހުން ޤަބޫލުކުރާ ގޮތުގައި ނޫސްތަކުން ކުރިއަރުވަނީ ޙަސީނާއާއި ބޭރު ޤައުމުތަކުގެ މަސްލަހަތެވެ. ނަމަވެސް ނޫސްތަކުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

އިންތިޙާބު ބޭއްވުމާ ގާތްވެފައިވާއިރު ނޫސްތަކަށް މި ފަދަ ޙަމަލާތައް ދިނުމަކީ ބަންގްލަދޭޝްގައި އޮންނަ ނޫސްވެރިންގެ މިނިވަންކަމާއި އެ މީީހުންގެ ރައްކާތެރިކަމާމެދު ސުވާލުއުފެދޭ ކަމެކެވެ.