ޚަބަރު

އެންޑީއޭގެ ޗެއަރމަނަކަށް ސިއްދީޤު


  • މިމަޤާމަށް އޭނާ އައްޔަނުކުރެއްވީ، ކުރިން އެމަގާމުގައި ހުންނެވި ލުބްނާ ޒާހިރު ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވުމުން

ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭގެ ޗެއަރމަނަކަށް އަޙްމަދު ސިއްދީޤު އައްޔަން ކުރައްވައިފިއެވެ.

އަޙްމަދު ސިއްދީޤު ކުރިން މަސައްކަތް ކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ. އެ މަޤާމުގައި ހުންނަވައި އޭނާ ވަނީ، އެ ވުޒާރާގެ ދަށުން ހިންގާ ޑިޕާރޓްމަންޓް އޮފް ޖުއެނަލް ޖަސްޓިސްގެ މަސައްކަތްތައްވެސް ކުރައްވާފައެވެ.

ސިއްދީޤު އެންޑީއޭގެ ޗެއަރމަނަކަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ލުބްނާ ޒާހިރު ހުސައިން ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވުމުން އެމަޤާމު ހުސްވެފައިވާތީއެވެ.

އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޕެޑްލް ކުރުމާއި، ޓްރެފިކް ކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުމާއި، މަސްތުވާތަކެއްޗާއި ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ގުޅިގެން ހިންގާ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާއި ދެކޮޅަށް ޤައުމީ ސިޔާސަތުތައް ތަންފީޒުކުރުން ފަދަ ކަންކަމެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެ މީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ނެރުމަކީވެސް އެންޑީއޭގެ މަސްއޫލިއްޔަތުތަކެވެ.