ވިމެންސް ކާވާ ކަޕް 2025 ގައި ދިވެހިރާއްޖެ ކުޅުނު 2ވަނަ މެޗުވެސް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
އަފްގާނިސްތާނާއި ބައްދަލުކުރި މިމެޗުގައި ދިވެހި ޓީމުން ވަނީ މުޅި މެޗު ޑޮމިނޭޓްކޮށް ކުޅެ ވަގުތުކޮޅަކަށްވެސް ލީޑުގެއްލުނަނުދީ ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޓީމުން ފެނިގެންދިޔައީ ވަރަށް ފޯމުގައި މެޗު ފަށާ ބޮޑު ލީޑެއް ނެގި މަންޒަރެވެ. މި ސެޓުގައި ދިވެހި ޓީމުގެ އައިމިނަތު ޝަހާ ވަނީ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ. ފުރަތަމަ ސެޓު ދިވެހި ޓީމުން ގެންދިޔައީ 25 - 20 އިންނެވެ.
ދެވަނަ ސެޓަށްވެސް ދިވެހި ޓީމުން ނިކުތީ ޔަގީންކަމާއެކުއެވެ. މި ސެޓުގައި ދިވެހި ޓީމުގެ ސެންޓަރއަށް ކުޅެމުންދިޔަ ނަރީމާ އިދުރީސްގެ ކުޅުން ފާހަގަކޮށްލަން ޖެހެއެވެ. މިސެޓުގައި ދިވެހި ޓީމުން ނެގި ލީޑު މަޑު މަޑުން ފުޅާކުރަމުންގޮސް ސެޓު ކާމިޔާބުކުރީ 25 - 13 އިންނެވެ.
ތިން ވަނަ ސެޓުގައި ދިވެހި ޓީމުން ބަދަލުތަކެއް ފެނިގެންދިޔަ ނަމަވެސް ޓީމުގެ ކުޅުމުން މާބޮޑު ބަދަލެއް ފެނިގެންނެއް ނުދެއެވެ. ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. ތިން ވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ ކުރިން ދެ ސެޓަށްވުރެވެސް ތަފާތު ބޮޑުކޮށެވެ. އެއީ 25 - 12 އިންނެވެ.
ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ދިވެހިރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ކިރްގިސްތާންވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ.
ލީގުބުރުގެ މެޗުތަކަށްފަހު ސެމީފައިނަލްގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. އަދި ދެވަނަ ސެމީގައި 2 ވަނަ އަށްދާ ޓީމް ބައްދަލުކުރާނީ 3 ވަނަ ޓީމާއެވެ.