ވުމެންސް ކާވާ ކަޕް 2025 ގައި ދިވެހި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ދިވެހި ޓީމުން ރަން މެޑަލްއަށް ކުރާ އުއްމީދު ދައްކާލައިފިއެވެ.
ސޯޝަލް ސެންޓަރުގެ ތެރޭ ހޯލުގައި މިރޭ ފެށި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ޤައުމީ ވޮލީ ޓީމު ފުރަތަމަ މެޗުގައި ނިކުތީ އަވައްޓެރި ބަންގްލަދޭޝް އާއި ދެކޮޅަށެވެ. މިމެޗުގައި ދިވެހި ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ސެޓުގެ ކުރީ ކޮޅު ބަންގްލަދޭޝް އިން ވަނީ ރާއްޖެ އާއި ވަރަށް ގާތުން ސްކޯކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް ސެޓުގެ މެދަކާ ހިސާބުން ދިވެހި ޓީމުން ވަނީ މަޑުމަޑުން ތަފާތު ދައްކާ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ 25 - 18 އިންނެވެ.
ދެވަނަ ސެޓު ފަށައިގެން ބަންގްލަދޭޝްއިން ލީޑު ނެގިނަމަވެސް މާގިނަ އިރުތަކެއް ނުވެ ދިވެހި ޓީމުން ވަނީ މިސެޓުގެ ސްކޯވެސް އަނބުރާލާފައެވެ. ދެވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ 25 - 12 އިންނެވެ.
މިމެޗުގެ ދިވެހި ޓީމުން މޮޅު ކުޅުމެއް ދެއްކި އިރު މުޅި މެޗުގައިވެސް ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާގެ ކުޅުން ފާހަގަކޮށްލަން ޖެހެއެވެ. ތިން ވަނަ ސެޓު ފަށައިގެންވެސް ލީޑު ނެގީ ދިވެހި ޓީމުންނެވެ. އަދި މި ލީޑު މުޅި ސެޓުގައިވެސް ހިފަހައްޓާ ތިން ވަނަ ސެޓު ދިވެހި ޓީމުން ކާމިޔާބުކުރީ 25 - 16 އިންނެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރަންޖެހޭ ގޮތަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖެއިން މާދަމާ ނިކުންނާނީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަަޖެހިފައި ވަނީ ރޭގަނޑު 8:40 ގައެވެ.
22 ވަނަ ދުވަހުގެ ރޭ ދިވެހި ޓީމް ބައްދަލުކުރާނީ ކިރިގިސްތާނާއެވެ.