ޚަބަރު

އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް އިތުރު ޖަލު ޙުކުމެއް


ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއާ ދެކޮޅަށް އިތުރު ޖަލު ޙުކުމެއް އިއްވައިފިއެވެ. އެ ދެ ބޭފުޅުންނާ ދެކޮޅަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އިއްވާފައި ވަނީ 17 އަހަރުގެ ޖަލު ޙުކުމެކެވެ. 2023ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޚާން މިހާރު ވެސް ގެންދަވަނީ 14 އަަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޚާންގެ ސަރުކާރު ވައްޓައިލާފައި ވަނީ 2022ވަނަ އަހަރުއެވެ. އެއަށް ފަހު، އޭނާއާ ދެކޮޅަށް ދޮޅަހަކަށް ވުރެ މައްސަލައިގައި ދަޢުވާ ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކޮރަޕްޝަންގެ މައްސަލަތަކެވެ. މީގެ އިތުރުން ދައުލަތުގެ ސިއްރުތައް ހާމަކުރެއްވުމާއި، ނިރުބަވެރިކަމާ ގުޅޭ މައްސަލަތަކެއްގައި ވެސް އޭނާއާ ދެކޮޅަށް ވަނީ ދަޢުވާ އުފުލާފައެވެ. ނަމަވެސް، ޚާން ގެންދަވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރައްވަމުންނެވެ.

ޚާނާއި އޭނާގެ އަނބިކަނބަލުންނަށް އިތުރު ޖަލު ޙުކުމެއް އިއްވާފައި މި ވަނީ، ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގުބޮޑު ތަކެތި ބާޒާރުގައި ވިއްކަވައި، ދަށް އަގެއްގައި އެ ތަކެތި އަމިއްލަފުޅަށް ބައްލަވައިގަތުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައެވެ. އޭގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ހަދިޔާގެ ގޮތުގައި ދެއްވާފައިވާ ގިނަ އަދަދެއްގެ މޮޅެތި، އަދި އަގުބޮޑެތި މަރުކާތަކުގެ ގަޑި ހިމެނޭ ކަމުގައި ދައުލަތުން ބުންޏެވެ.

ޚާން ޤާނޫނީ ޓީމުން ބުނީ، އޭނާއާއި އޭނާގެ އަނބިކަނބަލުންނާ ދެކޮޅަށް އިތުރު ޙުކުމެއް އިއްވާފައި ވަނީ ދިފާޢުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ދިނުމެއް ނެތި ކަމުގައެވެ. އަދި، ބޮޑު ޖޫރިމަނާއެއް ދެެއްކުމަށް ވެސް ކޯޓުން ޙުކުމް ކޮށްފައިވާ ކަމުގައި ޚާންގެ ޤާނޫނީ ޓީމުން ބުންޏެވެ. ޚާނާ ދެކޮޅަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށާނީ، އޭނާގެ މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ 14 އަހަރުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުންނެވެ.