ޚަބަރު

ކާމިޔާބު ވެރިންނަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވާ ވެރިން!


  • ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނާއެކު ސިލްސިލާ ބައްދަލުވުންތައް ބާއްވަވަމުން

  • ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް ސީދާ ރައީސަށް ހުށަހެޅޭ

  • ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކަށް ހައްލު ގެނެސްދެއްވާ

ޑިމޮކްރެޓިކް އުސޫލުން ހިނގާ ނިޒާމުތަކުގައި ހުރިހާ ބާރެއް ފެށިގެން އަންނަނީވެސް، އަދި އެ ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައެވެ. އެހެންކަމުން އެ ޤައުމުގެ ހަގީގީ ވިންދު ހުރި ގޮތް އެނގިގެންދާނީ ސަރުކާރުގެ އޮފީސްތަކުގެ އޭސީ ކޮޓަރިތަކާއި ބޮޑެތި މީޓިން ރޫމްތަކުން ނޫންކަމާއި، އެ ޤައުމެއްގެ ވިންދާއި ހާލަތު އެންމެ ރަނގަޅަށް އެނގިގެންދާނީ އެ ޤައުމެއްގެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ތެރެއިންކަން މިއީ މިއަދު ދުނިޔެ ޤަބޫލުކުރާ ހަޤީގަތެކެވެ. ތާރީޚު ހެކިދޭ ގޮތުގައި އެންމެ ކާމިޔާބު ވެރިންނަކީ، ޝާހީ ގަނޑުވަރުތަކުން ނިކުމެ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވާ ވެރިންނެވެ.

"މި ކަންކަމަކީ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ ގޮތް. ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުންގެ އަޑުއެހުން، ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގާތަށް އައިސް، އެ މަންދޫބުން ރައްޔިތުންގެ ފަރާތުން ދައްކަންހުރި ވާހަކަތައް އަޑުއެހުން. ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި މުއައްސަސާތަކުގެ ވެރިން ގާތަށް އައިސް، އެ ބޭފުޅުން ވިދާޅުވާން ހުރި ކަންކަން އޮޅުންފިލުވައި، އެ ކަންކަމަށް ޙައްލުގެނެސްދޭން މަސައްކަތްކުރުން. އެއީ، އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާނެ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަކީ. އެގޮތަށް މަސައްކަތްކުރީމާ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް އަވަހަށް ފުއްދޭ. އަދި ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ބައްޓަންކުރުމަށް މަގުފަހިވެގެންދޭ. އަދި މަސައްކަތްތައް އަވަސްވެގެންދޭ. މައްސަލަތައް ޙައްލުވެގެންދޭ ފަސޭހަކަމާ އެކީގައި" އޮކްޓޫބަރު 28 ވަނަ ދުވަހު ތުލުސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ބަލާލާއިރު ރައްޔިތުންނާއި ގާތަށް ވެރިން ވަޑައިގަންނަވާ މަންޒަރު ފެންނަނީ މުޅިންވެސް އިންތިހާބުތަކާއި ދިމާކޮށް ނުވަތަ ހާއްސަ މުނާސަބާތައް ފާހަގަކުރުމަށް ބާއްވަވާ ހަރަކާތްތަކުގެ ތެރެއިންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާ ހޯދުމަށް މީގެކުރީ ސަރުކާރަކުން ސިލްސިލާ ގޮތެއްގައި އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަން ތާރީހުން އޮތީ ފެންނާށެވެ.

"ދިވެހިރާއްޖެ މިނިވަން ދެފުށް ފެންނަ އިންތިޙާބުތަކަށް ހުޅުވިގެން ދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކު ވ. ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު. މިކަމުން ދޭހަވެގެން ދަނީ ރައްޔިތުން ކަންބޮޑުވުން ގާތުން އަޑު އެއްސެވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިވެރިކަމާއި އެކަމަށް ދެއްވާ އަހަމީއްޔަތުކަމުގެ މިންވަރު" ސެޕްޓެމްބަރު 29 ވަނަ ދުވަހު ފުލިދޫގައި ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"
ދިވެހިރާއްޖެ މިނިވަން ދެފުށް ފެންނަ އިންތިޙާބުތަކަށް ހުޅުވިގެން ދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކު ވ. ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު
ފުލިދޫ ކައުންސިލްގެ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގަވަމުން އައި ސަގާފަތަށް ގެންދަވަނީ ބަދަލުތައް ގެންނަވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާއި ގާތަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމެވެ. ވެރިކަމަށް ދެ އަހަރު ފުރުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށަކަަށް މަދުވެގެން އެއް ފަހަރު ވަނީ ވަޑައިގެންފައެވެ. އަދި ބައެއް ރަށްރަށަށް ދެފަހަރަށްވެސް ވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅުތަކުގައި ސިޔާސީ ފިކުރަށް ބެއްލެވުމެއް ނެތި، ކޮންމެ ރައްޔިތަކަށްވެސް ހިޔާލާއި މަޝްވަރާ ހުށަހަޅަން އޮންނަނީ ފުރުސަތު ހުޅުވާލައްވާފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއިވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުކުރެއްވުންތަކުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާއިރު، ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުގެ ފުރުސަތު އެއްވެސް ހުރަހެއް ނެތި އޮންނަނީ ހުޅުވާލައްވާފައެވެ. ޖަޒުބާތާއި އަސަރުގައި ބައެއް ބޭފުޅުން ކަންބޮޑުވުންތަކާއި ޝުޢޫރުތައް ހާމަކުރައްވަމުންދާއިރު، ކިތަންމެ ދަންވިޔަސް ފޫހިފުޅުވުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮންމެ ރައްޔިތެއްގެ ވާހަކަ އަޑުއައްސަވާ، އެ ވާހަކަތައް ނޯޓު ނުކުރައްވަމުންނެެވެ. އަދި ރައްޔިތުންވެސް ގެންދަނީ ބައްދަލުވުންތަކުގައި ރައީސް ރައްޔިތުންނާއެކު ބަހައްޓަވާ ގާތްކަން ފާހަގަކުރަމުންނެވެ.

"އަޅުގަނޑަށް އަމިއްލަށް ރައީސުލްޖުމްހޫރިއްޔާއަށް މެސެޖެއް ކޮށްލިން، އެމަނިކުފާނު ވަރަށް އަވަހަށް އެ މެސެޖަށް ޖަވާބުދެއްވި. އެހެންވީމަ އެބަ އެނގޭ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި އެބަހުރިކަން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައިދެއްވުމުގެ ވިސްނުން" ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ކުރީގެ މަޖިލިސް މެމްބަރެއް އަދި ވިޔަފާރިވެރިއެއް ކަމަށްވާ ސ.ހިތަދޫ، އަހުމަދު ރަޝީދު ވިދާޅުވިއެވެ.

"މިދިޔަ 40 ވަރަކަށް އަހަރުތެރޭގައިވެސް ނުވާވަރުގެ ކަމެއް މަނިކުފާނު ތިކޮށްދެއްވަނީ އަޅުގަނޑުމެން ގާތަށް ވަޑައިގެން ކަންބޮޑުވުންތައް އަޑު އައްސަވައިގެން. އަޅުގަނޑުމެންގެ ބަހަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ފިޔަވަޅު ދަނީ އަޅުއްވަމުން"
ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އަހުމަދު މުނާޒް ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިޔައީ ދިވެހި ޤައުމަށް ލިބުނު ޖަވާހިރެއް. އެހެންވީމަ މިކަން އަޅުގަނޑުމެންނަށް ކޮށްދެއްވާނެކަމަށް އުއްމީދުކުރަން" ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު އަންހެނަކު ރައީސްގެ މަސައްކަތްޕުޅަށް ތަޢުރީފް ކުރަމުން ވިދާޅުވިއެވެ.

ސިލްސިލާ ގޮތެއްގައި ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވާއިރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ހުށަހަޅުއްވާ ހުރިހާ ކަންބޮޑުވުންތަކަށްވެސް ރިޔާއަތްކޮށް، އަޅުންވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. ބައެއް މައްސަލަތަކަށް ބައްދަލުވުމުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާއިރު، ދެން ހުންނަ ކަންކަމަށް ހައްލުތައް ހޯއްދެވުމުގެ ގޮތުން ޖެހިގެން އަންނަ ދުވަހުވެސް ފިޔަވަޅުތައް އަޅުއްވައެވެ.

"އެހެންވީމާ، މިކަމުގައި އިރާދަކުރެއްވިއްޔާ، އެމް.އޭ.ސީ.އެލް.ގެ ފަރާތުން މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި، އަޅުގަނޑުމެން މިހާރު، އިރާދަކުރެއްވިއްޔާ އެ ބޭފުޅުން މި 80 ގަޑިއިރު، 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ. 80 ގަޑިއިރުން 124 ގަޑިއިރަށް. އަދި ކަސްޓަމާއި، އެމް.އޭ.ސީ.އެލް. ގުޅިގެން ކްލިއަރިންގ މަސައްކަތަށް މިހާރު މި އޮންނަނީ، ގާތްގަނޑަކަށް އެއް ޝިފްޓް، ނޫނީވިއްޔާ ދެ ޝިފްޓް މި އޮންނަނީ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިންގ މަސައްކަތް މި ކުރަނީ. އެހެންވީމާ، އެއީ 18 ގަޑިއިރާ ބައި، އެގޮތަށް އެހެން އޮތުމުގެ ބަދަލުގައި ހަމަ ރައުންޑް އޯ ކްލޮކް، ޓުވެންޓީ ފޯރ އަވަރޒްއަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން" ވިޔަފާރިވެރިންގެ ފަރާތުން އައި ހުށަހެޅުންތަކަށް ވަގުތުން ހައްލު ހޯއްދައިވައިދެއްވުމަށްފަހު ޖަލްސާގައި އެކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގާތަށް ވަޑައިގެން، އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބައްދަލުވުންތައް ބާއްވަމުން ގެންދަވާއިރު، މި ބައްދަލުވުންތަކުގައި އޮންނަނީ ސާދާ އުސޫލެކެވެ. ރައްޔިތަކު ކަންބޮޑުވުމެއް ހުށަހެޅުމުން، ރައީސް އެކަމެއް ކަނުލައި އަޑުއެއްސެވުމެވެ. އެއީ ގޭގެ ފެންހިިއްކާ މައްސަލައެއް ކަމުގައި ވިޔަސް، ނުވަތަ ގައުމީ ސިޔާސަތަކާއި ގުޅޭ ބޮޑު ކަމެއް ކަމުގައި ވިޔަސް، އެއްވެސް ކަމަކީ ކުޑަކަމެއްގެ ގޮތުގައި ނަންގަވާ ކަމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަމިއްުޔަތުކަމުން ހާމަވެއެވެ.

"
މިދިޔަ 40 ވަރަކަށް އަހަރުތެރޭގައިވެސް ނުވާވަރުގެ ކަމެއް މަނިކުފާނު ތިކޮށްދެއްވަނީ އަޅުގަނޑުމެން ގާތަށް ވަޑައިގެން ކަންބޮޑުވުންތައް އަޑު އައްސަވައިގެން. އަޅުގަނޑުމެންގެ ބަހަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ފިޔަވަޅު ދަނީ އަޅުއްވަމުން
މުނާޒް، ގަލޮޅުގެ ރައްޔިތެއް

ރޭގަނޑު ފަށާ މި ބައްދަލުވުންތައް މެންދަމާއި ހަމައަށް ދެމިގެންދާއިރު، އެންމެ ފަހު ރައްޔިތާ ހަމައަށް ފުރުސަތު ދެއްވުމަށްފަހު ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުން ނިންމަވައެއް ނުލައްވައެވެ. އަދި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ވަކިވަކިން ކޮންމެ ބޭފުޅަކާއި ބައްދަލުކުރައްވައި، އެ ބޭފުޅަކު ދަންނަވަން އޮތް ކަމެއް ދެންނެވުމުގެ ފުރުސަތުވެސް ދެއްވައެވެ.

"ކޮންމެ ބޭފުޅަކު ވިދާޅުވި، ކޮންމެ ވާހަކަފުޅަކީވެސް، އަޅުގަނޑުމެން ވަރަށް އެކަން ކަނުލައި އަޑުއަހައި، އެއަށް އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކޮށްދޭނެ ކަންކަމޭ، ޤާނޫނާއި، އުސޫލުތަކުގެ ތެރެއިން. އަދި ޤާނޫނާއި، އުސޫލުތައް ބަދަލުކޮށްގެން ކަމުގައިވިޔަސް، ގެނެވެންހުރި ޙައްލެއް ގެނެސްދޭން. އެއީ، ޖުމްލަކޮށް އަޅުގަނޑުމެންގެ ސިޔާސަތެއް. އަޅުގަނޑުމެން މިތަނަށް މިއައީ، އަދި ތިޔަބޭފުޅުން މިތަނަށް ތިޔަ ވަޑައިގަތީ، ކަންކަން ރަނގަޅު ކުރުމަށް. ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި. ރަނގަޅަށްދާ ކަންކަން އެއަށްވުރެ ރަނގަޅުކުރަން. ހުރި މައްސަލަތައް ޙައްލުކުރަން. އެ ނިޔަތުގައި، އެ ޢަޒުމުގައި، އެ ބޭނުމުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރީ. އަދި، ތިޔަބޭފުޅުން މިތަނަށް ތިޔަ ވަޑައިގަތީވެސް އެ އުންމީދުގައި" ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށެަހެޅުއްވި ބައެއް ކަންކަމަށް ވަގުތުން ހައްލު ގެނެސްދެއްވަމުން ރައީސް ވިދާޅުވިއެވެ.

"
ކަންކަން ރަނގަޅު ކުރުމަށް. ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި. ރަނގަޅަށްދާ ކަންކަން އެއަށްވުރެ ރަނގަޅުކުރަން. ހުރި މައްސަލަތައް ޙައްލުކުރަން. އެ ނިޔަތުގައި، އެ ޢަޒުމުގައި، އެ ބޭނުމުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ވެރިކަން ކުރެއްވުމުގެ ސަގާފަތަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، ސަރުކާރުތަކުން ރައްޔިތުންނާ ބައްދަލުކުރުމަށް ގެންގުޅުނު ރަސްމީ އަދި ދުރު ހަމަތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު މިވަނީ ނިމުމަކަށް ގެންނަވާފައެެވެ. އިދާރީ ހުރަސްތައް ނެތިގޮސް، ކަންކަމަށް ވަގުތުން ހައްލު ލިބޭނެ މަގު މިއަދު މިވަނީ ދިވެހި ރައްޔިތުންނަށް ތަނަވަސްވެފައެވެ. ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް އިތުބާރުގެ ފާލަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭނެކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް ލިބިގެންދެއެވެ.