ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަމަށާއި، ބެލެނިވެރިން އެކަމަށް ސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުށުގެ މާހަލުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވަމުންދާކަން ފާހގަަކުރެވޭކަމަށެވެ.
ސީޕީ ވިދާޅުވީ އެފަދަ މާހައުލުތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާކަމަށާ މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި ގިނައީ ކުޑަކުދިންކަމަށެވެ. އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮޮތުގައި ސީޕީ ނަވީން ވަނީ ފާހަގަކުރެއްވިއެވެ.
"އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުރިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮސްޓް ސްޕްޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން" ސީޕީ ނަވީން ވިދާޅުވިއެވެ.
މިކަމުގެ ކަނބޮޑުވުން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެފަދަ ތަންތަނުން ކުޑަކުދިން ފެނުމުން، ކުށުގެ ރެކޯޑް ނެތުމުން މިހާރު ނަސޭހަތްދީ ފޮނުވާލަނީ ކަމަށެވެ.
އެހެންކަމުން މިކަމުގައި މައިން ބފައިންނާއި އެފަދަކުދިންގެ ބެލެނިވެރިން ސަމާލުވެ، ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ ގާތުން އެކުދިންގެ ކަންކަން ބެލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުށްކުރާ ކުޑަކުދިން ނުވަތަ ކުށްތަކަށް ހުށަހެޅިފައިވާ ކުދިން އެކަމުން ސަލާމަތްކޮށް އިސްލާހުކުރުމަށާއި، ކުޑަކުދިން ކުށަށް އަރައިގަތުން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ދައުލަތުން ހިންގާ އެކި ޕްރޮގްރާމްތަކުގައި 160 އަށްވުރެ ގިނަ ކުދިން މިހާރުވެސް ދަނީ ބަލަހައްޓަމުންނެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ދާޚީލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ވަނީ ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" މަޝްރޫގެ ކުރިއަށް ގެންދިއުމަށް ކްރޮސް ސަބްސިޓީގެ އުސޫލުން އެމަސައްކަތަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދިފައިވާކަމަށާއި، އެއާއެކު ހޯޕް އައިލެންޑްއެގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށިގެންދާނެކަމަށެވެ.