ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދުނު ބާރުގަދަ ތޫފާން، ދީތުވާގެ ސަބަބުން ސްރީ ލަންކާގެ އުމްރާނީ ވަޞީލަތްތައް އަލުން ބިނާކުރަންޖެހިފައިވާތީ، ބޭރުގެ އެކި ފަރާތްތަކުން ލިބޭ އެހީއާއެކު، އަންނަ އަހަރު ސްރީ ލަންކާގެ އިޤްތިޞާދީ ދުވެލި ފަސް އިންސައްސަތައިން ކުރިއަރާނެކަމަށް ލަފާކޮށްފިއެވެ.
ސްރީ ލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 650އަށް އަރާފައިވާއިރު، ތޫފާނާ ގުޅިގެން ސްރީ ލަންކާގެ އާބާދީގެ 10 އިންސައްތަ މީހުންނަށް އަސަރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ. އެ ގެއްލުންތަކުން އަރައިގަންނަން ހަތް ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އޮފިޝަލުން ލަފާކުރައްވައެވެ.
ސްރީ ލަންކާގެ އަސާސީ އުމްރާނީ ވަޞީލަތްތައް އަލުން ބިނާކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން 200 މިލިއަން އެމެރިކާ ޑޮލަރު އަދި ވަރލްޑް ބޭންކުން 120 މިލިއަން އެމެރިކާ ޑޮލަރު ދޭން ވަނީ ނިންމައިފައެވެ. އަދި 2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ދޭ 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީގެ ތެރެއިން މި ތޫފާނުން ލިބުނު ގެއްލުންތަކުން އަރައިގަންނަން ލަންކާ ސަރުކާރުން ދޭން އެދުނު 200 މިލިއަން ޑޮލަރު ލިބުމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ލަންކާގެ މާލީ ވަޒީރުގެ ނައިބު އަނިލް ޖަޔަންތަ ފަރނެންޑޯ ރޮއިޓަރސް ނޫހަށް ވިދާޅުވިއެވެ.
މީގެއިތުރުން ވެސް ބައިނަލްއަޤުވާމީ އެހެން އިދާރާތަކުން ލިބޭނެކަމަށް ބެލެވޭ މާލީ އެހީތަކާއެކު، ލަންކާގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމުގެ ބަދަލުގައި، އަންނަ އަހަރު އިތުރަށް ކުރިއަރާނެކަމަށް މިހާރު ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވި ގޮތުގައި، ތޫފާނުގައި ގެއްލުން ލިބުނު އުމްރާނީ ވަޞީލަތްތައް އަލުން ބިނާކުރުމުގެ މަސައްކަތަށް ސަރުކާރުން ހުށަހަޅާފައިވާ 1.6 ބިލިއަން އެމެރިކާ ޑޮލަރުގެ ސަޕްލިމަންޓްރީ ބަޖެޓު ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްދޭނެކަމަށް ބެލެވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވެސް މި މަސައްކަތަށް ޙާއްޞަކޮށްގެން، އުމްރާނީ މަޝްރޫޢުތަކަށް 4.6 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައެޅޭނެކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، ތޫފާނުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެކި ފަރާތްތަކުން އެހީ ހޯދުމަށް އަންނަ މަހު ޑޯނަރ ފޯރަމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަން އޭނާ ހާމަކުރެއްވިއެވެ.