ޚަބަރު

ފަލަސްޠީނާއި ސޫރިޔާގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ އިތުރުން ސޫރިޔާގެ ސަރުކާރުން ދޫކޮށްފައިވާ ޕާސްޕޯޓު އޮތް މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފިއެވެ. ފަލަސްޠީނާއި ސޫރިޔާގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ޤަރާރެއްގެ ދަށުންނެވެ. އެ ދެ ޤައުމުގެ އިތުރުން ޖުމުލަ ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ޓްރަމްޕް ވަނީ ނިންމަވާފައެވެ.

މި ނިންމުމަށް އަމަލު ކުރަން ފަށާނީ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުއެވެ. ޓްރަމްޕްގެ ނިންމެވުމާ ގުޅޭ ގޮތުން ވައިޓް ހައުސުން ބުނީ، އެމެރިކާއަށް އެތެރެވުން މަނާކޮށްފައި ވަނީ، ޕާސްޕޯޓު ދޫކުރުމުގެ މިންގަނޑުތައް އެމެރިކާއިން ޤަބޫލު ކުރާ ފެންވަރަށް ނުފެތޭ ޤައުމުތަކުގެ ރައްޔިތުންނަށް ކަމުގައެވެ. މިއީ، އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ.

ފަލަސްޠީނާއި ސޫރިޔާގެ އިތުރުން، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުގެ ލިސްޓަށް ޓްރަމްޕް އިތުރު ކުރައްވާފައިވާ އިތުރު ޤައުމުތަކަކީ ބުރްކިނާ ފާސޯ، މާލީ، ނީޜިޔޭ އަދި ދެކުނު ސޫދާނެވެ. މީގެ އިތުރުން، ލާއޯސް އަދި ސިއެރެ ލިޔޯން ވެސް ޓްރަމްޕް ވަނީ އެ ލިސްޓަށް އިތުރު ކުރައްވާފައެވެ. މީގެ ކުރިން ވެސް، އެ ދެ ޤައުމުގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރު ކުރުމުގައި ހުރަސްތަކެއް އޮތީ ކުރިމަތި ކޮށްފައެވެ.