ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުންދާ ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ހޯދުމަށް އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް ޝިކާގޯ ފަޔަރ އިން މަޝްވަރާތައް ފަށައިފި އެވެ.
އުމުރުން 37 އަހަރުގެ ލެވަންޑޯސްކީ ބާސެލޯނާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު ޝިކާގޯ ފަޔަރ އިން މަސައްކަތް ކުރަމުންދަނީ އަންނަ ހޫނު މޫސުމުގައި ލެވަންޑޯސްކީގެ ސޮއި ހޯދުމަށެވެ.
ލެވަންޑޯސްކީ ހޯދުމުގެ މަޝްވަރާތައް ޝިކާގޯ ފަޔަރ އިން ފަށާފައިވާއިރު އޭނާއަށް ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތުވެސްވަނީ ލިބިފަ އެވެ. އަދި އޭނާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމްއެލްއެސްގެ ޕްލޭއޮފްގައި މި އަހަރު ކުޅެފައިވާ ޝިކާގޯ ފަޔަރގެ ޑިސްކަވަރީ ލިސްޓުގައި ލެވަންޑޯސްކީ ހިމަނާފައިވާއިރު އެމްއެލްއެސްގެ އިތުރު ކްލަބަކަށް އޭނާއަށް ބަދަލުވެވޭނީ ދެން އެ ޝިކާގޯ ފަޔަރ އަށް ފީއެއް ދެއްކުމަށްފަހުގަ އެވެ.
ބާސެލޯނާގެ ކުރީގެ ތަރި ލިއޮނެލް މެސީގެ އިންޓަރ މަޔާމީ އިން ވެސް ލެވަންޑޯސްކީ އަށް ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވީ ނަމަވެސް އެ ކަމާއި ގުޅޭ ރަސްމީ އެއްވެސް މަޝްވަރާތަކެއް އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ.
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2022 ވަނަ އަހަރު ބާސެލޯނާ އާއި ގުޅުނު ލެވަންޑޯސްކީ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅެދިން 164 މެޗުގައި 109 ލަނޑު ޖަހާފަ އެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 17 މެޗުގައި 8 ލަނޑު ޖަހާފަ އެވެ.