ސަރުކާރުން ބައެއް ދާއިރާތަކުން ބިދޭސީންނަށް ކޯޓާ ނުދޭން ނިންމާފައިވާ ނިންމުމާއެކު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާޙުތަކުގައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފައެވެ. އެގޮތުން މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 2 އަހަރަށްފަހު ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން ގެސްޓް، ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް އެކައުންޓެންޓް އަދި އިމާމުން ހިމެނެއެވެ. މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިންގ އިންސްޕެކްޓަރ، ސަރވޭޔަރުން، ސައިޓް ސުޕަވައިޒާ އަދި ޕައިލެޓުންގެ ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް ގެނައުން މަނާވާނެއެވެ.
މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 4 އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖިނިއަރ އަދި ޑައިވް އިންސްޓްރަޓަރުންގެ ވަޒީފާއަށް ބިދޭސީންނަށް ކޯޓާ ދިނުން މަނާވާނެއެވެ. އަދި މިގަވާއިދަށް ޢަމަލު ކުރަން ފަށާތާ 5 އަހަރުގެ ތެރޭގައި ހައުސް ކީޕިންގ މެނޭޖަރ، ހިއުމަން ރިސޯސް މެނޭޖަރ އަދި ފްރަންޓް އޮފީސް މެނޭޖަރ ލެވެލްގެ މަޤާމުތަކަށް ބިދޭސީންނަށް ނާދެވޭނެއެވެ. މީގެއިތުރުން ޕްރައިމަތީ އަދި ސެކަންޑަރީ ޓިޗަރުންގެ ގޮތުގައިވެސް ރާއްޖެއަށް ބިދޭސީންނަށް ކޯޓާ ދިނުންވަނީ މަނާކޮށްފައެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބައެއް ދާއިރާތައް ހަމައެކަނި ދިވެހީންނަށް ޚާއްސަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އޭގެ ތެރޭގައި ފަންނުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ދިވެހީންގެ ތެރޭގައި އެމަސައްކަތް ކުރުމުގެ ޝައުގު ހުންނަ އަދި އެދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ ދިވެހީން ތިބި ދާއިރާތައް ހިމެނެއެވެ.