ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ!


  • ބައްދަލުވުން އޮންނާނީ މިރޭ 20:30ގައި އިމާދުއްދީން ސްކޫލުގައި

  • ސަރުކާރުގެ ފަރާތުން ވަނީ ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައި

މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން މިރޭ އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މިރޭ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުކުރެއްވުން މިރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ވަނީ ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދަޢުވަތު ދެއްވާފައެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ. ގަލޮޅަށްފަހު ދެން މިސިލްސިލާގެ ތެރެއިން ބައްދަލުކުރައްވާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީފައި ދިރިއުޅޭ ރައްޔިތުންނާއެވެ. އެބައްދަލުކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެރޭ ސަލާޙުއްދީން ސްކޫލްގައެވެ.