ޚަބަރު

ރެކޯޑު މޮޅަކީ ބުރު ސްޕޯޓްސްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް: ނިޒާމް


  • ބުރު ސްޕޯޓްސް މޮޅުވީ ޔޫވީ އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

  • މިއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ހޯދި އެންމެ ބޮޑު މޮޅު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ލިބުނު ރެކޯޑު މޮޅަކީ ބުރު ސްޕޯޓްސް ކުލަބަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ ޔޫވީ އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ބުރު ސްޕޯޓްސްއިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މި މޮޅާއެކު ބުރު ސްޕޯޓްސްއިން ވަނީ މި ފަހަރު ލީގުގައި އެންމެ ތަފާތު ބޮޑު މޮޅު ހޯދާފައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ރިކޯޑާ ހަމަކޮށްފައެވެ. އެ ގޮތުން މާޒިޔާއިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން 9-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޔޫވީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ މިކަހަލަ މެޗުތަކަށް ގިނަ ފަހަރު ކުޅުންތެރިން ނުކުންނާނީ އެންމެ ފަސޭހަކޮށް ކަމަށާއި، އެގޮތުން ގިނަ ފަހަރަށް ކުޅުންތެރިންނަށް ބެލޭނީ ތާވަލުގައި ދެ ޓީމު އޮތް ފަރަގަށް ކަމަށެވެ. އެކަމަކު ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން އެކަން ފެނިފައިނުވާ ކަމަށާއި، އެ ކުޅުންތެރިން ދެއްކި ޕާފޯމަންސަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ނިޒާމު ބުންޏެވެ.

ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި މި ފަހަރުގެ ޓްރާންސްފާގައި ބުރު ސްޕޯޓްސްއަށް އަލަށް ގެނައި ބާސެލޯނާގެ ބީ ޓީމަށް ކުރިން ކުޅުނު ސެނެގާލްގެ މިޑްފީލްޑަރު ޑިއަވަންޑޫ ޑިއާނޭ ވަނީ ދެ ލަނޑު ޖަހައިފައެވެ. އޭނާއާ ބެހޭގޮތުން ނިޒާމް ބުނީ ފުރަތަމަ ދުވަހުގެ ތަމްރީނުތަކުން ފަށައިގެން މިހާތަނަށް އައިރު އެ ޓީމުގެ ގޭމު ޕްލޭނަށް އޭނާ ފެތުނުލެއް އަވަސް ކަމަށެވެ. އަދި އެ ޓީމުގެ ކުޅުންތެރިންނާ ގުޅިގެން އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާ ކަމަށްވެސް ކޯޗު ބުންޏެވެ.

"ފުރަތަމަ ދުވަހުގެ ތަމްރީނުތައް ފަށައިގެން އޭނާ ބުނީ ތިމަންނައަށް ވަރަށް ފަސޭހައޭ، ތިމަންނަ އަބަދު ކުޅެމުން އައި ބޯޅައޭ މިއީ. އެހެން ގައުމުތަކަށް ގޮސް ކުރަން ޖެހުނު ތަޖުރިބާއެއް ނޫނޭ މިތާ އައިސް ކުރަން މި ޖެހުނީ. ތިމަންނައަށް ވަރަށް ފަސޭހައޭ މި ޓީމުގައި ތިބި ކުޅުންތެރިންނާއެކު މި ގޭމު ކުޅެން. ވަރަށް އަވަސް އޭނާ އެޑެޕްޓްކުރިލެއް ސްޓައިލް." ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ ޔޫވީ އަތުން ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް، ދެން ކުރިމަތިލާން ޖެހޭނީ އައު މެޗަކަށް ކަމަށާއި، އެ މެޗަށް ތައްޔާރުވާން ޖެހޭނީ ޔޫވީ މެޗުގައި ފެނިގެންދިޔަ ބައެއް ކަންތައްތައް ރަނގަޅުކޮށްގެން ކަމަށެވެ.

ޔޫވީ އަތުން ހޯދި ތަފާތު ބޮޑު މޮޅާއެކު ބުރު ސްޕޯޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ލީގުގައި ޔޫވީން ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.