ފުޓްސަލް އަދި ފުޓުބޯޅަ ރެފްރީން ތަމްރީނުކުރުމަށް މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ދ. މީދޫގައި ކުރިޔަށް ގެންދިޔަ ރެފްރީ ކޯސް ނިންމާލައިފިއެވެ.
ޑިސެމްބަރު 5-13 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށްފައިވަނީ 14 ބައިވެރިންނެވެ. މި ކޯހުގައި ކިޔަވައިދިނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ތަޖުރިބާކާރު ދެ ރެފްރީން ކަމަށްވާ ޝިފާން ޢަބްދުއްރަޙީމާއި ޢަލީ ސަލީމެވެ.
މިއީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ރެފްރީން ތަމްރީނު ކުރުމަށް މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން އެ އިދާރާއާއި ކުޅިވަރު ވުޒާރާއާއި މީދޫ ކައުންސިލާއި އެފްއޭއެމް ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ކޯސް ނިންމި ހުރިހާ ބައިވެރިންނަށް ވަނީ ސެޓިފިކެޓް ހަވާލުކޮށްފައެވެ. މި ކޯސް ފުރިހަމަ ކުރި ރެފްރީންނަށް ކުރިޔަށް އޮތްތަނުގައި އެކި މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އެމްއެންއައިއެސްއިން މިއަހަރު މިހާތަނަށް ފުޓުބޯޅަ އާއި ފުޓްސަލްގެ 100 އަށްވުރެ ގިނަ ސަރޓިފައިޑް ރެފްރީން ތަމްރީނުކޮށްފައިވެއެވެ. މީދޫގެ އިތުރުން މިމަހު އައްޑޫ ސިޓީ މީދޫ އާއި ހއ. ކެލާގައިވެސް ރެފްރީން ތަމްރީނު ކުރުމަށް ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ އަމާޒަކީ މިދާއިރާއިން ގިނަ އަދަދަކަށް މީހުން ތަމްރީނުކޮށް ރާއްޖޭގެ ހުރިހައި ހިސާބެއްގައި ސަރޓިފައިޑް ރެފްރީންނާއި އަމްޕަޔަރުން އަދި ކޯޗުން އިތުރުކުރުމެވެ. ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުޅިވަރު ވުޒާރާއާއި އެސޯސިއޭޝަންތަކުން ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.