ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކިންގްސް ބާސްކެޓްބޯލް ކުލަބު އަތުން 77-74 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރ 23-18 އިން ޓީރެކްސްއިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ކުއާޓަރ ކިންގްސްއިން ވަނީ 24-19 އިން ގެންގޮސް ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގެ ތިންވަނަ ކުއާޓަރވެސް ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ކުއާޓަރ ނިމުނީ 15-15 އިން އެއްވަރުވެގެންނެވެ. އެކަމަކު ޓީރެކްސްއިން ވަނީ ފަހު ކުއާޓަރ 20-17 އިން ގެންގޮސް، ތިން ޕޮއިންޓުގެ ލީޑަކާއެކު މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އައިކު އަޙްމަދު މައުރޫފެވެ.
މީގެ އިތުރުން މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސްއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މައިސްޓިކްސް ބާސްކެޓްބޯލް ކުލަބު އަތުން 71-66 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރ 16-13 އިން މައިސްޓިކްސްއިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ކުއާޓަރ ކުއީންސްއިން ވަނީ 22-16 އިން ގެންގޮސް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
މި މެޗުގެ ތިންވަނަ ކުއާޓަރ 23-19 އިން ގެންގޮސް މައިސްޓިކްސްއިން ވަނީ އަނެއްކާވެސް ޕޮއިންޓެއްގެ ލީޑެއް ހޯދާފައެވެ. ނަމަވެސް ފަހު ކުއާޓަރގައި ކުއީންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ 17-11 އިން މި ކުއާޓަރ ގެންގޮސް، ފަސް ޕޮއިންޓުގެ ލީޑަކާއެކު މެޗުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މައިސްޓިކްސްގެ ސާރާ ޒާޝާ ޒަކަރިއްޔާއެވެ.