އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ ވެރިރަށް ސިޑްނީގައި ބަޑީގެ ޙަމަލާތަކެއްދީ 15 މީހުން މަރައިލައިފިއެވެ. ސިޑްނީގެ ބޮންޑައި ބީޗް ސަރަޙައްދުގައި ޔަހޫދީންގެ ޢީދެއް ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ދީފައިވާ ބަޑީގެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ދެބަފައިންނެވެ. މިއީ، ފާއިތުވި 30 އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ޙަމަލާއެވެ. ބޮންޑައި ބީޗުގެ ޕާކެއްގައި ބޭއްވި ހަފުލާގައި 1,000ށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މި ޙަމަލާގެ ފަހަތުގައި ތިބީ 50 އަހަރުގެ ބައްޕައަކާއި އޭނާގެ 24 އަހަރުގެ ދަރިފުޅެވެ. އެ މީހުންގެ ޙަމަލާތައް ހުއްޓުވުމަށް ސިޑްނީގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި، 50 އަހަރުގެ މީހާ ވަނީ މަރައިލާފައެވެ. އަދި، އޭނާގެ ދަރިފުޅަށްވެސް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ. އެ ދެ މީހުންގެ ޙަމަލާގައި ޒަޚަމު ކޮށްލާފައިވާ އިތުރު 40 މީހަކަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދާ ކަމުގައި ސިޑްނީގެ ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެއެވެ. ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖަކާއި އުމުރުން 87 އަހަރުގެ މީހެއް ވެސް ހިމެނެއެވެ.
މި ހާދިސާ ހިނގި ބޮންޑައި ބީޗު ސަރަޙައްދަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒޭ ވަނީ ޒިޔާރަތް ކުރައްވާފައެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި، އެ ސަރަޙައްދުގައި ބޭއްވި ހަފުލާއެއްގައި ބައިވެރިވި ޔަހޫދީންނަށް ދީފައިވާ ޙަމަލާއަކީ ޔަހޫދީންނާ ދެކޮޅު ފިކުރުގެ ބަޔަކު ފަހަތުގައި ތިބެ ހިންގާފައިވާ ނިރުބަވެރި ކަމުގެ އަމަލެކެވެ. އޭނާ ވިދާޅުވީ، ޙަމަލާއާ ގުޅިގެން ދުނިޔޭގެ ވެރިން އޭނާއަށް ފޯނުން ގުޅުއްވައި ތަޢުޒިޔާ ދަންނަވަމުން ގެންދަވާ ކަމުގައެވެ. އޭގެ ތެރޭގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚްރޮން ހިމެނިވަޑައިގަންނަވައެވެ.