ޚަބަރު

ދެވަނަ ބުރުގައި ޓީސީން ކުޅުން ރަނގަޅުކޮށްފި: ކޯޗު އާތިފް


  • ކުޅުމަށް ގެނައި ބަދަލާއިއެކު މިގޮތަށް ކުޅެމުންދާނަމަ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވޭނެހެން ހީވޭ

  • އެންމެ ބޮޑު އިމްޕްރޫޕްމެންޓަކަށް ފެންނަނީ ޓީމުގެ ޑިފެންސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި، ފުރަތަމަ ބުރުގެ ފަހު މެޗަށްވުރެ ކުޅުން ރަނގަޅު ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އޮޑި ސްޕޯޓްސް ކުލަބު އަތުން 3-0 ލަނޑުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓީސީގެ ކޯޗު ބުނީ ފުރަތަމަ ބުރުގެ ސިސްޓަމާއި މިހާރު ކުޅެމުން އަންނަ ސިސްޓަމަށް ބަދަލުވެގެން އަންނައިރު ކުޅުންތެރިންނަށް އުނދަގޫކަމެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ޓީމުގެ ކުޅުން އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އާތީ ބުންޏެވެ.

"ކުރީ މެޗާއި ބަލާފަ މި މެޗުގައި ވަރަށް ބޮޑުތަން އިމްޕްރޫވެފައިވާ ކަމަށް މި ފެންނަނީ. ދެން ޓީމާ ދޭތެރޭ ހަމަ ކޮންފިޑެންސް އެބައޮތް ދުވަހުން ދުވަހަށް ދަސްކޮށްގެން އިމްޕްރޫވްވާނެ" އާތިފް ބުންޏެވެ.

ކުރިޔަށްވުރެ ޓީސީ ފެންނަނީ ވަރުގަދަކޮށް ކަމަށާއި، އޮޑިއާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

ކުޅުންތެރިންގެ ކުޅުމަށް ގެނައި ބަދަލާއެކު މިގޮތަށް ކުޅެމުންދާނަމަ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވޭނެކަމުގެ އުންމީދު ބޮޑުކަށް އާތިފް ބުންޏެވެ. އޭނާ ޓީމާ ހަވާލުވިފަހުން ފާހަގަ ކުރެވުނު ކަންކަމާއި ގުޅޭ ގޮތުން އާތިފް ބުނީ އެންމެ ބޮޑު އިމްޕްރޫޕްމެންޓަކަށް ފެންނަނީ ޓީމުގެ ޑިފެންސް ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ކުޅުނު މެޗުގައި ވަކިވަކި ކުޅުންތެރިންގެ ބަލިކަށިކަން ބައެއް ތަންތަނުން ފެނުނުކަމަށް އާތިފް ފާހަގަކުރިއެވެ.

ޓީމުގެ ޑިފެންސާއި، އެޓޭކިންގެ ޓެކްޓިކްސް ވަރަށް ބޮޑަށް ރަނގަޅުކޮށްފި ކަމަށާއި، ވަކިވަކި ކުޅުންތެރިންގެ ޕާފޯމަންސް އަދި ރަނގަޅުވާން ޖެހޭ ކަމަށް ފާހަގަކުރެވޭކަމަށް އާތިފް ބުންޏެވެ.

އާތިފް ޓީސީގެ ކޯޗު ކަމާ ހަވާލުވީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައެވެ. ދެން އެންމެ އަވަހަށް ޓީސީއަށް އޮންނާނީ 18 ޑިސެމްބަރުގެ ހަވީރު މާޒިޔާއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ޓީސީ އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ. އެއީ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ.

ކުރިން ފުލުގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއިން ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ކޮޅަށް ޖެހި ގޯލާއެކު މިހާރު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެހެންކަމުން މިވަގުތު ޓީސީ އޮތީ 10 މެޗުން ލިބުނު 5 ޕޮއިންޓާއެކު ތާވަލުގައި ފުލުގައެވެ.