ޚަބަރު

އެމެރިކާގެ ޔުނިވަސިޓީއެއްގައި ބަޑީގެ ޙަމަލާއެއް، ދެ ދަރިވަރަކު މަރުވެއްޖެ


އެމެރިކާގެ ރޯޑް އައިލެންޑުގައި ހުންނަ މަޝްހޫރު ބްރައުން ޔުނިވަސިޓީގައި ބަޑީގެ ޙަމަލާއެއްދީ ދެ ދަރިވަރުން މަރާލައިފިއެވެ.

ބަޑީގެ ޙަމަލާ ދީފައިވަނީ އެ ޔުނިވަސިޓީގެ އިންޖިނިއަރިންގއާބެހޭ އިމާރާތުގައެވެ. ޙަމަލާ ދިން ވަގުތަކީ އެ ޔުނިވަސިޓީގެ ދަރިވަރުން އަހަރުގެ ފަހު އިމްތިޚާނު ހަދަމުންދިޔަ ވަގުތެވެ. އެ ޙަމަލާގައި ދެ ދަރިވަރުން މަރުވުމުގެ އިތުރުން، ނުވަ މީހަކު ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން 8 މީހުންގެ ޙާލު ދެރައެވެ. ޒަޚަމްވެފައި ވަނީ ގިނައިން ދަރިވަރުންނަށެވެ.

ފުލުހުން ދަނީ ބަޑިޖެހި މީހާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ކަޅުކުލައިގެން ހެދުން އަޅައިގެން ހުރި ފިރިހެނެކެވެ. އޭނާގެ ވީޑިއޯތައް އިދާރާތަކުން އާންމު ކުރި ނަމަވެސް ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާއަކީ މި ފަދަ ހާދިޘާތައް ވަރަށް ގިނައިން ހިނގާ ޤައުމެކެވެ.