ޚަބަރު

މެސީގެ އިވެންޓް އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފި


އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މިހާރު އިންޑިޔާ އަށް ކުރަމުންދާ ދަތުރު އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފި އެވެ.

އިންޑިޔާގެ ފުލުހުން މެސީގެ ގޯޓް ޓުއަރ އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފައިވަނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި 80 ހާސް ޓިކެޓް ވިއްކާއިގެން އިއްޔެ ބޭއްވި ހަރަކާތުގެ އިންތިޒާމް ދަށްވެ ބޮޑު އަގުގައި ޓިކެޓް ގަނެގެން ދަނޑަށް ވަން ފަރާތްތަކުން ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

އިންޑިޔާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިވެންޓް އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށް ބަލަންޖެހޭ ކަންކަން ބަލުމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރޭވިގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމަށް ދިޔަ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ މެސީ ސްޓޭޑިއަމްގައި ކުޑަ ވަގުތު ކޮޅެއް ހޭދަކޮށްފައިވާއިރު, މެސީގެ ވަށައިގެން އިންޑިޔާގެ ސިޔާސީ ފަރާތްތަކާއި އަދި ނުފޫޒުގަދަ އެހެން ފަރާތްތައް ތިބުމުން ސަޕޯޓަރުންނަށް މެސީ ފެނިފައިނުވާކަމަށްބުނެ އެވެ.

ދަނޑަށް ވަން މީހުން ވަނީ ދަނޑަށް ފުޅި ފަދަ ތަކެތި އުކުމުގެ އިތުރުން ސްޓޭޑިއަމްގައި ގޮނޑިތަކަށް ގެއްލުން ދީފަ އެވެ.

މެސީ އިންޑިޔާ އަށް ކުރަމުންދާ ދަތުރުގައި އޭނާ އާއިއެކު އިންޓަރ މަޔާމީގެ ލުއިސް ސުއަރޭޒް އާއި ރޮޑްރިގޯ ޑިޕޯލް ދަނީ ބައިވެރިވަމުންނެވެ. އަދި މި ދަތުރުގައި އިންޑިޔާގެ ކޮލްކަތާ އާއި ހައިދަރު އާބާދާއި މުމްބާއީގެ އިތުރުން ނިއު ދިއްލީ އަށް މެސީ ދާނެ އެވެ.