ޚަބަރު

ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު އޮލީއަށް އޮތް ތާއީދު ދައްކާލަން ބޮޑު އެއްވުމެއް


ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވި، ކޭޕީ ޝަރްމާ އޮލީއަށް ތާޢީދު އޮތް ކަން ދައްކާލަން، އޭނާގެ ޕާޓީން ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

އޯލީގެ ކޮމިޔުނިސްޓު ޕާޓީ (ޔޫއެމްއެލް)އިން ބާއްވާ ތިން ދުވަހުގެ ޕާޓީ ބައްދަލުވުމަކާ ދިމާކޮށް، ވެރިރަށް ކަތުމަންޑޫ ކައިރީގައި އޮންނަ ބަކްތާޕޫރުގައި ބޭއްވި އެއްވުމުގައި 70،000އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށް ފުލުހުން ވަނީ އަންދާޒާކޮށްފައެވެ.

އޮލީގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ވެރިރަށް ކަތުމަންޑޫގެ މަގުތަކަށް ނިކުތް ޒުވާނުން ވަނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ. އެ މުޒާހަރާތަކާ އެކު ފެށިގެން ދިޔަ ހަމަނުޖެހުންތަކަކީ، ފަހުގެ ތާރީޚެއްގައި ނޭޕާލްގައި ހިންގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 77އަށް އުފުލިފައިވާއިރު، އިތުރު 2,100އަށްވުރެ ގިނަ މީހަކަށް ވަނީ އަނިޔާވެފައެވެ.

އޮލީ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ނޭޕާލުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް ސުޝިލާ ކާރްކީ ޢައްޔަނުކުރުމާއެކު އޭނާ ވަނީ ނޭޕާލްގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފައެވެ.

ކޮމިޔުނިސްޓް ޕާޓީގެ ރައީސްކަމުގެ އިތުރު ދަޢުރަކަށް ކުރިމަތިލައްވައިގެން ހުންނެވި އޮލީ، މިއަދުގެ އެއްވުމުގައި ވަނީ ޤާނޫނު ހަދާ މަޖިލިސް އުވާލުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

އިންތިޤާލީ ސަރުކާރުގެ އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އޮލީގެ ޕާޓީން ވަނީ ނޭޕާލްގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.