ޙައްޖު ޢުމްރާ އެގްޒިބިޝަން 2025 ގެ ތެރެއިން ކުރިއަށް ގެންދިޔަ ސްޓޯލް ހަރަކާތްތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޢުރަޒު ކުރިއަށް ގެންގޮސްފައިވަނީ، ދެ ދުވަހުގެ މުއްދަތަށެވެ.
ރާއްޖޭގައި ބޭއްްވި ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސާއި ގުޅިގެން ކުރިއަށް ގެންދިޔަ މި މަޢުރަޒުގައި ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތައް ވަނީ ބައިވެރިވެފައެވެ.
އޭގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް، މީޤާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް، ކަމަނަ އަލްޙައްޖު ވަލް ޢުމްރާ، ތަޙީ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް އަދި އަލްފަޖްރު ޓްރެވަލްސް ހިމެނެއެވެ. މީގެ އިތުރުން މިމައުރަޒުގައި ޤައުމީ އެއަރލައިން، މޯލްޑިވިއަނުންވެސް ބައިވެރިވިއެވެ.
މި މައުރަޒުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެކިއެކި ޢުމްރާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މި އެގްޒިބިޝަންގެ ތެރެއިން އާއްމުންނަށް ޒަމްޒަމް ފެން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަޢުރަޒުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތް ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ޚާއްސަ އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކ. ތުލުސްދޫ އާސްނާ އިން ހުށައަޅާފައިވާ އިނާމް، އެރަށުގައި 2 ދުވަހުގެ ހުރުމުގެ އިތުރުން އަލްމުސާފިރު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށައަޅާފައިވާ 5 ލީޓަރުގެ 10 ޒަމްޒަމް ފެން ފުޅި 10 ފަރާތަކަށް ދިނުމަށް ހަަމަޖެހިފައިވެއެވެ.
ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ، ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާ ގުޅޭ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. މިއީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބޭއްވި މިފަދަ ދެވަނަ ކޮންފަރެންސެވެ.