ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންގެ ހުރި ދުވަސްވީ ގިނަ ކަންބޮޑުވުންތައް ހައްލުކުރުމަށް މިވޭތުވެދިޔަ 2 އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މަސްވެރިންނާ ބައްދަލުކުރެއްވުން.#RayyithunGaathah #DhuvaafaruVisit#fishermensday2025 pic.twitter.com/RhazIZovqZ
— Ministry of Fisheries and Ocean Resources (@MFORmv) December 13, 2025
"ވަރަށް ގިނަ ކަންކަން އެބަހުރި އަދިވެސް ހައްލުކުރަން. ރައީސްގެ މެނިފެސްޓޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ހުރިހާ މައްސަލައަކަށް ﷲ އިރާދަފުޅުން ހައްލުކުރާނެ މެނިފެސްޓޯއެއް. އަޅުގަނޑުމެން މިދަނީ ކެނޑި ނޭޅި އެމަގުން މަސައްކަތް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް ވުޒާރާއާއި ހިއްސާކުރައްވާކަމަށާއި، އަދި އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތްކުރައްވަމުންދާކަމަށެވެ. އަދި މިހާރަށްވުރެވެސް މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ. ރ.ދުވާފަރުގައި ފާހަގަކުރާ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެން މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކުވަނީ މަސްވެރިންގެ ފޯރަމް ކުރިއަށްގެންގޮސްފައެވެ.