ފަލަސްޠީނުގެ ޣައްޒާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަށް ފޮނުވުމަށް ނިންމާފައިވާ ބައިނަލްއަޤްވާމީ ފައުޖާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަހާސިންތާއެއް ބޭއްވުމަށް އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން އިންތިޒާމު ކޮށްގެން ބާއްވާ މަހާސިންތާ އޮންނާނީ ޑިސެންބަރު 16ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދަވްޙާގައެެވެ.
އެ ބައްދަލުވުމުގައި 25 ޤައުމެއްގެ އޮފިޝަލުން ބައިވެރިވާނެ ކަމުގައި އެމެރިކާގެ އޮފިޝަލުން ހާމަކުރިއެވެ. ނަމަވެސް، އެއީ ކޮން ޤައުމުތަކެއް ކަން އަދި ސާފެއް ނޫނެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ދަވްޙާ މަހާސިންތާގައި، ޣައްޒާގައި ހަމަޖެހުމާއި ސުލްޙަ ޤާއިމު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމުގައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ފައުޖުގެ އިންތިޒާމުތައް ވިލަރެސްކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރެވޭނެ ކަމުގައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީންގެ ޤަތުލުޢާންމުގައި ޣައްޒާއިން 70,000ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ.