ޚަބަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި


އަންނަ އަހަރަށް ތާވަލުކޮށްފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށް ބުނެފައެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށެވެ.

އެފްއޭއެމްއިން ބުނީ މުބާރާތުގެ ކަލަންޑަރު ސާފްގެ މެންބަރު ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމުން އެނގިގެންދަނީ ބައިނަލްއަގުވާމީ ރަނގަޅު ފެންވަރެއްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރުމުގެ ގާބިލުކަން އެފްއޭއެމްގައި ހުރި ކަމަށް ސާފްއިން ގަބޫލުކުރުމާއި، އެ ޖަމުއިއްޔާގެ އިތުބާރު ލިބިފައިވުން ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބާއްވާފައެވެ. އެގޮތުން ސާފްގެ މުބާރާތްތަކަށް ބަލާއިރު، ސްރީ ލަންކާއާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހިމެނެއެވެ.

އަދި މިއީ 2019 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ހޯސްޓްކުރާ އުމުރުފުރާއެއްގެ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވާފައެވެ.