41 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުއީންސް ބާސެކްޓްބޯޅަ ކުލަބުން ހޯދިއިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗު ކުއީންސް ކާމިޔާބު ކުރީ މައިސްޓްކްސް ބާސެކެޓްބޯޅަ ކުލަބާ ވާދަކޮށް 76-48 ޕޮއިންޓުން މެޗު ކާމިޔާބުކޮއްގެންނެވެ.
މިމެޗުގައި ކުއީންސްއަށް އެންމެ ރަނގަޅަށް ކުޅުނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިޝަތު ރާއީ ހަމްޒާއެވެ. އޭނާ ވަނީ 19 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މައިސްޓްކްސް އިން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 14 ޕޮއިންޓް ހޯދައިދިން ލައިރާ އަހުމަދު ފިރާޝްއެވެ.
މިމެޗުން މޮޅުވުމާ އެކު ކުއީންސް އަށް ފައިނަލުގެ ސީދާ ޖާގައެއް ޔަގީންވިއިރު މައިސްޓްކްސް ބަލިވު ނަވެސް އެޓީމުން ތިންވަނަ ސެމީގަ ނުކުންނާނީ ރޭގައި ދެވަނަ ސެމީ އިން މޮޅުވި ސައިކްލޯންއާ ދެކޮޅަށެވެ.
މުބާރާތުގެ ދެވަނަ ސެމީ މެޗުން ސައިކްލޯން މޮޅުވީ ސްޓާސް ސްޕޯޓްސް ކުލަބާ ވަދަކޮށް 65-39 ޕޮއިންޓުން މެޗު ކާމިޔާބުކޮއްގެންނެވެ.
މިމެޗުގައި ސައިކްލޯން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ޝައިލާން އަފްޒަލްއެވެ. އޭނާ ވަނީ 21 ޕޮއިންޓް މިމެޗުގައި ސައިކްލޯން އަށް ހޯދާދީފައެވެ. މިމެޗުގައި ސްޓާސް ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 5 ޕޮއިންޓް ހޯދި ފާތިމަތު އިފާ އާތިފެވެ. މުބާރާތުގެ ތިންވަނަ ސެމީ ފައިނަލު ކުޅޭނީ މާދަމާ ހަވީރުއެވެ.