ޚަބަރު

މަސްވެރިންގެ އިޙްތިޖާޖް: 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް


  • ފުލުހުން މަސްދޯނިތަކަށް އެރީ ބިދޭސީން ދޯނިތަކުގައި ހަރަކާތްތެރިވަމުންދިޔުމާއި ގުޅިގެން

  • ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކެންދޫ ދާއިރާގެ މަޖިލީސް މެމްބަރުވެސްވަނީ ހައްޔަރުކޮށްފައި

މަސްވެރިންގެ އިޙްތިޖާޖުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ގުޅިގެން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން އިއްޔެއިން ފެށިގެން މާލޭގެ 4 ނަމްބަރު ޖެޓީ ކުރިމަތީގައި މަސްވެރިންތަކެއް އަންނަނީ އިޙްތިޖާޖްކުރަމުންނެވެ. މިއިޙްތިޖާޖުގައި ބައެއް ދޯނިތަކުގައި ބިދޭސީން ޙަރަކާތްތެރިވަމުންދާކަން ފާހަގަވުމާއި ގުޅިގެން މިއިޙްތިޖާޖުގައި ބައިވެރިނުވުމަށް އެމީހުންނަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިޙްތިޖާޖު ކުރާ ދޯނިތަކުގައި ބިދޭސީން ޙަރަކާތްތެރިނުވުމަށް ނަސޭޙަތްތެރިވީ ނަމަވެސް ބައެއް ދޯނިތަކުގައި ބިދޭސީން ތިބިކަން ފާހަގަވުމާއި ގުޅިގެން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުން އެދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިޙްތިޖާޖުގައި ބިދޭސީން ޙަރަކާތްތެރިވަމުންދާކަމަށް ފާހަގަކުރެވޭ ދޯނިތަކަށް ފުލުހުން މިއަދު އަރާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއިޙްތިޖާޖާއި ގުޅިގެން މިހާތަނަށް 2 ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 3 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރުވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ މިއިޙްތިޖާޖާއި ގުޅިގެން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު ކަންނެލި މަސްވެރިންނަށް ޚާއްސަ މަސް ޕްރޮސެސްކުރާނެ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.