އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގައި ހޫގޯ ޔޮން ހުންނަވައިގެން، ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންގެ ދައުރު ހަމަވުމާއި ގުޅިގެން ވަޒީރުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު ހޫގޯ ޔޮންގެ ސަފީރުކަމުގެ ދައުރުގައި ކޮށްދެއްވާފައިވާ މުޙިންމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހަރުދަނާކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްތަކާއި ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.
Ambassador of the United States of America to the Maldives pays a farewell call on the Minister of Foreign Affairs
— Ministry of Foreign Affairs 🇲🇻 (@MoFAmv) December 10, 2025
📃 Press Release | https://t.co/JxKdBXjboC pic.twitter.com/LOcAsydcxH
އެމެރިކާގެ ސަފީރު ހޫގޯ ޔޮންގެ ވާހަކަފުޅުގައި، ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޚަލީލް ވަނީ އެމެރިކާ ސަފީރުކަމުގައި ހޫގޯ ޔޮން ހުންނަވައިގެން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން، ވަޒީރު ޑރ. ޚަލީލްވަނީ، އެމެރިކާގެ ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އާއި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންނެވިއެވެ.